ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު ޑައިވަރުން ފެނުމާއެކު، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ނިންމާލައިފި

މިހާދިސާގައި ފުރާނަ ގެއްލުނު ފަތުރުވެރިން ---
މިހާދިސާގައި ފުރާނަ ގެއްލުނު ފަތުރުވެރިން ---

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއެއްގައި ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ރައްޔިތުން ފެނި، އެމީހުން ހޯދުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނުން ކަށަވަރުކޮށްދީފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ ތެރޭގައި، މީގެ ކުރިން ފެނުނު ޖިއާންލޫކާ ބެނެޑެޓީގެ އިތުރުން، މި ހާދިސާގައި ފުރާނަ ގެއްލުނު ބާކީ ހަތަރު މީހުން ވެސް މިހާރު ވަނީ ފެނިފައެވެ. މި ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ފަސް މީހުންނަކީ ޖިއާންލޫކާ ބެނެޑެޓީ، ޖިއޯޖިއާ ސޮއްމަކަލް، މޮނިކާ މޮންޓެފަލްކޯން، ފެޑެރިކޯ ގުއަލްޓިއޭރީ އަދި މުރިއެލް އޮޑެނިނޯއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށާއި ލޯބިވާ ފަރާތްތަކަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކޮށްފައެވެ. އަދި އާއިލާތަކަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ފުރިހަމައަށް އަދި އިހުތިރާމާއެކު ކުރިއަށްގެންދިއުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އިޓަލީގެ ޑިޕްލޮމެޓިކް މަންދޫބުންނާއި އާއިލާތަކާ ގުޅިގެން މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން ދެއްކެވި ނަމޫނާ ހިތްވަރާއި، ފަންނީ ހުނަވެރިކަމާއި، ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މި ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަންގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދެއްކި މަތީ ފެންވަރުގެ ޚިދުމަތަށްޓަކައި މުޅި ގައުމު އެ ފަރާތްތަކަށް ދަރަނިވެރިވެފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މި މަސައްކަތުގައި ގައުމީ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިން ޑައިވާސް އެލާޓް ނެޓްވޯކް (ޑީއޭއެން) އަދި ބައިނަލްއަގުވާމީ މާހިރުންގެ ޓީމުތަކުން ވެދިން އެހީތެރިކަން ވެސް މިނިސްޓްރީން ވަނީ ޝުކުރުވެރިކަމާއެކު ބަލައިގެންފައެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ގައުމީ ވާޖިބު އަދާކުރަނިކޮށް ޝަހީދުވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ މަތިވެރި ގުރުބާނީގެ ހަނދާން އާކުރަމުން، ޓޫރިޒަމް މިނިސްޓްރީން ބުނީ އޭނާ ގައުމަށްޓަކައި ވީ މި ބޮޑު ގުރުބާނީއަކީ ދިވެހި ތާރީޚުގައި ދުވަހަކުވެސް ފަނޑުވެގެންދާނެ ހަނދާނެއް ނޫން ކަމަށެވެ.