އިނގިރޭސިވިލާތުން ދިވެހި މަހުގެ ޓެރިފް ކަނޑާލުން އެއީ މަސްވެރިކަމަށް ލިބުނު ބޮޑު ކާމިޔާބީއެއް: ވަޒީރު ޝިޔާމް
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް ނުވަތަ ކަސްޓަމްސް ބަޖެޓް ކަނޑާލުމުގެ ތާރީޚީ އެއްބަސްވުމަކަށް އާދެވުމަކީ، ދުނިޔޭގެ އެންމެ މުހިންމު އެއް ބާޒާރަށް ދިވެހި މަސްވެރިކަން ހުޅުވިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އިނގިރޭސިވިލާތާއެކު ގާއިމުކުރެވުނު މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރި އާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާއަތުން ނަފާ ހޯދާ ފަރާތްތަކުގެ އިތުރުން މަސް ބަންދުކޮށްގެން ބޭރުގެ މާކެޓްތަކަށް ފޮނުވާ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ކުރަނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއްކަން ފާހަގަކުރައްވަމުން، މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ބާޒާރުން ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އަހަންމިއްޔަތާއި ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖެއިން ކުރިން ވިލާތުގެ އިއްތިހާދަށް (އީޔޫ) މަސް އެކްސްޕޯޓް ކުރަމުންދިޔައީ އެއްވެސް ޓެރިފެއް ނެތި ނަމަވެސް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ގައި ރާއްޖެ އުނިވެ، ތަރައްގީވަމުންދާ ގައުމުތަކުގެ ގިންތިއަށް ބަދަލުވުމާ ގުޅިގެން އެ ލުއިތައް ވަނީ ގެއްލިފަ އެވެ. އެގޮތުން 2014 ވަނަ އަހަރާ ހަމައަށް ދިން އިންތިގާލީ މަރުހަލާ ހަމަވުމުން، ދިވެހި މަހުގެ އުފެއްދުންތަކުން 24 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގަން ފެށި އެވެ.
އޭރު އީޔޫގެ މެންބަރެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތާއެކު ޓެރިފް ކުޑަކުރުމަށް އޭގެ ފަހުން އައި ސަރުކާރުތަކުން މަޝްވަރާ ކުރި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. އެ މަޝްވަރާތައް ހިނގަމުން ދަނިކޮށް އިނގިރޭސިވިލާތް އީޔޫއިން ވަކިވި ނަމަވެސް، 2018 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް 2023 އާ ހަމައަށްވެސް އެ ގައުމާއެކު އެދެވޭ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
މިގޮތުން ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައި އޮތް މި މައްސަލައަށް ނިމުމެއް ގެނެސް، މަސްވެރިންނަށް ބޮޑު އާމްދަނީއެއް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު ކުރެއްވި ޚާއްސަ މަސައްކަތްޕުޅުގެ ދަށުން މިހާރު މިވަނީ ދިވެހި މަސްވެރިކަމަށް އާ އުއްމީދެއް ލިބިގެން ގޮސްފަ އެވެ.
Ads by MACL
