ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚަދީޖާ ސާބިތުކޮށްދިނީ، އުނގެނުމަށް ވަކި އުމުރެއް ނެތްކަން، އޭނާ ވަނީ 79 އަހަރުގައި ޑިގްރީ ހާސިލްކޮށްފަ

79 އަހަރުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރަބި ބަހުގެ ބެޗްލާރސް ކޯސް ނިންމައި ދަސްވެނިވުމަކީ ހަދީޖާ އަބްދުއްރަހުމާނަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު އުފަލެއް.. ފޮޓޯ/ އައިއެމްޔޫ
79 އަހަރުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރަބި ބަހުގެ ބެޗްލާރސް ކޯސް ނިންމައި ދަސްވެނިވުމަކީ ހަދީޖާ އަބްދުއްރަހުމާނަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު އުފަލެއް.. ފޮޓޯ/ އައިއެމްޔޫ
"މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދަންދެން ޢިލްމު އުނގެނޭށޭ ބުނާބަހަކީ މިއީ އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ވަރަށް މަޝްހޫރުކޮށް ދެވެމުން އަންނަ، އަދި އަޑުއިވެމުން އަން ވަރަށް އާރުލާ ބަހެކެވެ. މި ބަހުގެ ހަގީގީ މާނަ އިން ހިތްވަރު ލިބިގަނެ، ތައުލީމާއި ކުރިއަށް ދާ އެކި އުމުރުތަކުގެ މީޙުން މިއަދުވެސް މަދެއް ނޫނެވެ.
މިކަން އެންމެ ބޮޑަށް މި މުޖުތަމައުއަށް، ނަމޫނާއެއްގެ ގޮތަށް ސާބިތުކޮށްދީ، އަމަލީ ގޮތުން މި ބަހުގެ ތެދުކަން ދައްކަވައިދެއްވީ މާލެއަށް އުފަން އުމުރުން 79 އަހަރުގެ ޚަދީޖާ އަބްދުއްރަހްމާނެވެ. އޭނާ ހާސިލްކުރި ޑިގްރީއާއެކު، އުނގެނުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫންކަން މުޅި ގައުމަށް ވަނީ ސާބިތުކޮށްދީފައެވެ. މިއީ ހިތްވަރު ލިބިގަންނަން ރަނގަޅު މިސާލެކެވެ.

ތައުލީމީ ދަތުރުގެ ފެށުން

ޚަދީޖާގެ ޅައުމުރުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އޮތްގޮތުން، ރަސްމީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެއެވެ. އޭރު ސްކޫލްތަކަށް ވަނުމުގެ ފުރުސަތު އޮންނަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ވަކި ބަޔަކަށް ކަމަށްވުމުން، ޚަދީޖާ ހުރީ އެ ފުރުސަތުން މަހްރޫމުވެފައެވެ. ނަމަވެސް، ހިތުގައި އޮތް އުނގެނުމުގެ ޝައުގުވެރިކަން ދުވަހަކުވެސް ފަނޑުވެގެން ނުދެއެވެ. ޒަމާނަށް އައި ބަދަލާއެކު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުވާލި ފުރުސަތަކީ އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

އާއިލީ ޒިންމާތަކާއި ކުރިމަތިވި ގޮންޖެހުންތައް

ޚަދީޖާގެ މި ދަތުރަކީ އޮމާން ދަތުރެއް ނޫނެވެ. އަށް ދަރިންނާއި 19 މާމަދަރިންގެ ޒިންމާތައް އުފުލަމުން ކިޔެވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ ޑިޕްލޮމާ މަރުހަލާގައި އޭނާގެ ފިރިމީހާ ބަލިވެގެން އިންޑިއާއަށް ފަރުވާއަށް ދާންޖެހުމުންނެވެ. ފިރިމީހާގެ ޚިދުމަތުގައި ހުރެ ކިޔެވުން މެދުކަނޑާލަން ޖެހުނު ނަމަވެސް، އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ފިރިމީހާގެ ވަސިއްޔަތާއި ކާމިޔާބީ

ޚަދީޖާގެ ފިރިމީހާ އިންޑިއާގައި ނިޔާވުމުގެ ކުރިން ކުރި އެންމެ ފަހުގެ ވަސިއްޔަތަކީ ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދިއުމެވެ. ފިރިމީހާގެ އެ ބަސްތަކަކީ ޚަދީޖާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ފުން ހިތާމައިގެ ތެރޭގައި ހުރެމެ، އޭނާ އަލުން ކިޔެވުމުގެ ތެރެއަށް ނުކުތީ ފިރިމީހާގެ އެ ވަސިއްޔަތް ފުރިހަމަކުރުމުގެ އަޒުމުގައެވެ. އާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު، އޭނާ ވަނީ އަރަބި ބަހުގެ ދާއިރާއިން ޑިގްރީ ފުރިހަމަކޮށްފައެވެ.

އެހީތެރިކަމާއި ޝުކުރުވެރިކަން

މި ކާމިޔާބީގައި ޔުނިވާސިޓީގެ މުދައްރިސުންނާއި، އޭނާއަށްވުރެ މާ ހަގު ކްލާސްކުދިންގެ ފަރާތުން ލިބުނު އެހީތެރިކަން ޚަދީޖާ ފާހަގަކުރެއެވެ. ފިލާވަޅުތައް އޮޅުންފިލުވައިދިނުމުގައާއި، ބޭނުންވި އެކި ކަންކަމުގައި އެ ކުދިން ދިން އޯގާތެރިކަމަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމައަށް ލިބުނު ނަމޫނާއެކެވެ.

ޚަދީޖާ އަބްދުއްރަހްމާނުގެ މި ކާމިޔާބީއަކީ ހަމައެކަނި އޭނާއަށް ލިބުނު ޝަރަފެއް ނޫނެވެ. މިއީ އުމުރަކީ އުނގެނުމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދިން ހެއްކެކެވެ. ހިތްވަރާއި އަޒުމް ހުރިނަމަ، ކޮންމެ އުމުރެއްގައި ވެސް އާ ކަންތައްތައް ދަސްކޮށް، ކާމިޔާބީގެ އުސްމިންތަކަށް ވާސިލުވެވިދާނެކަން ޚަދީޖާ ވަނީ މުޅި ދިވެހި ގައުމަށް ދައްކުވައިދީފައެވެ.