އަންހެން ކުޅުންތެރިންތަކެއް ހެދުން ބަދަލުކުރާތަން ސިއްރުން ވީޑިއޯކުރި ފުޓްބޯޅަ ކޯޗަކު އުމުރަށް ސަސްޕެންޑްކޮށްފި
އަންހެން ފުޓްބޯޅަ ކުޅުންތެރިންތަކަކަށް ސިއްރުން ފާރަލައި، އެ ކުޅުންތެރިންގެ ވީޑިއޯ ރެކޯޑްކުރި ޗެކް ރިޕަބްލިކްގެ ކޯޗެއް ކަމަށްވާ ޕީޓާ ވްލަޗޯވްސްކީ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.
ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާގެ ކޮންޓްރޯލް، އެތިކްސް އެންޑް ޑިސިޕްލިނަރީ ބޮޑީ (ސީއީޑީބީ) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވްލަޗޯވްސްކީގެ މައްޗަށް ކުރެވުނު ސީރިއަސް ތުހުމަތުތަކެއް ތަހުގީގު ކުރުމަށްފަހު، ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި އުމުރަށް ބައިވެރިނުވެވޭ ގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މި ސަސްޕެންޝަން މުޅި ދުނިޔެއަށް ފުޅާކުރުމަށް ފީފާގައި އެދުމަށާއި، އޭނާގެ ކޯޗިން ލައިސަންސް ބާތިލްކުރުމަށް ޗެކް ރިޕަބްލިކްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެންގުމަށް ވެސް ޔޫއެފާއިން ވަނީ ނިންމާފައެވެ.
ޗެކް ރިޕަބްލިކްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެފްސީ ސްލޮވަކޯގެ އަންހެން ކުޅުންތެރިން ހެދުން ބަދަލުކުރާ ކޮޓަރީގައި ސިއްރުން ވީޑިއޯ ކުރި މައްސަލައިގައި 2025 ވަނަ އަހަރުގެ މެއި މަހު ވްލަޗޯވްސްކީގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. މި މައްސަލައިގައި އޭނާއަށް ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް (ސަސްޕެންޑް ކުރެވިފައިވާ) އިއްވައި، ފަސް އަހަރުގެ ޑޮމެސްޓިކް ކޯޗިން ބޭނެއް ކުރިން އައިސްފައެވެ. ވީޑިއޯ ކުރެވުނު ކުޅުންތެރިންގެ ތެރޭގައި 17 އަހަރުގެ ކުޑަކުދިން ވެސް ހިމެނޭއިރު، ވްލަޗޯވްސްކީ ވަނީ އެ ކުށަށް އިއުތިރާފުވެ، އެކަމާ ހިތާމަކުރާ ކަމަށް ބުނެފައެވެ.
Ads by BMLވްލަޗޯވްސްކީއަކީ މީގެ ކުރިން ޗެކް ރިޕަބްލިކްގެ 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާ ފަރާތެކެވެ. މިކަމާ ގުޅިގެން އެފްސީ ސްލޮވަކޯގެ ތަރުޖަމާނަކު ރޮއިޓާސްއަށް ބުނީ، މިއީ 2023 ވަނަ އަހަރު ފަޅާއެރި ވަރަށް ސީރިއަސް އަދި ހިތާމަވެރި މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑެތި ނަފްސާނީ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އެނގުނު ހިސާބުން ކޯޗާއެކު އޮތް އެއްބަސްވުން އުވާލައި، ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް ކްލަބުން ބުނެފައިވެއެވެ.
ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯއިން ވަނީ ޔޫއެފާގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. ފިފްޕްރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ފުޓްބޯޅައިގައި ނޭދެވޭ އަދި ގޯނާކުރުމުގެ އަމަލުތަކަށް ޖާގައެއް ނެތްކަން އަންގައިދޭ ވަރުގަދަ މެސެޖެއް ކަމަށާއި، ކުޅުންތެރިންގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.
Ads by MACL
