ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައިވެނި ރޫޅުމަށްފަހު، ކަމަދޫ ޒާރާ އަލުން ނެށުމުގެ ދާއިރާއަށް ނިކުމެއްޖެ

 މީގެކުރިން ކަމަދޫގައި ބޭއްވި އީދު ކުޅިވަރުގައި ޒާރާ (މ) ނަށަނީ.
މީގެކުރިން ކަމަދޫގައި ބޭއްވި އީދު ކުޅިވަރުގައި ޒާރާ (މ) ނަށަނީ.

ބ. ކަމަދޫގައި ބޭއްވި އަޟްހާ އީދުގެ ސަގާފީ ހަރަކާތްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އާމިނަތު ޒާރާ، މީޑިއާގެ ސަމާލުކަމަށް އައި ކައިވެނި ރޫޅުމަށްފަހު އަލުން ނެށުމުގެ ދާއިރާއާ ގުޅި، އާންމުންގެ ކުރިމައްޗަށް ނިކުމެއްޖެއެވެ.

ޒާރާ އަލުން މި ދާއިރާއިން ފެނިގެންދިޔައީ މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް ނެރުނު "ކަމަދޫ އީދު ފޯރި" ޕްރޮމޯޝަނަލް ލަވައިގެ ހަރަކާތްތަކުންނެވެ.

ކޮންމެ އަޟްހާ އީދަކާ ދިމާކޮށް ކަމަދޫން ތައްޔާރުކުރާ މި ޕްރޮމޯ ލަވައިގެ ތެރެއިން، 2024 ވަނަ އަހަރު ނެރުނު ލަވައިން ޒާރާ ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް، އޭނާގެ ކައިވެންޏާ ގުޅިގެން މިދިޔަ އަހަރު ނެރުނު ލަވައިން އޭނާ އެއްގޮތަކަށްވެސް ފެނިފައެއް ނުވެއެވެ. އޭނާ އަލުން މިފަހަރުގެ ލަވައިން ފެނުމާއެކު، ކުރިއަށް އޮތް އީދު ހަރަކާތްތަކުންވެސް އޭނާގެ ފަރި ހަރަކާތްތައް ފެންނާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި ސަގާފަތް ދަމަހައްޓަމުން އަންނަ ނަމޫނާ ރަށެއް ކަމަށްވާ ކަމަދޫން ޒާރާގެ ނަން މުޅި ރާއްޖެއަށް މަޝްހޫރުވެގެންދިޔައީ މީގެ ދެ އަހަރު ކުރިންނެވެ. އެފަހަރުގެ ބޮޑު އީދުގައި، ރަށުގެ މަގެއްމަތީގައި ހުދު ކުލައިގެ ދިވެހި ލިބާހެއްގައި ހުރެ، ރީތި ހަރަކާތްތަކަކާއެކު ލަވަޔަކަށް ނެށި ނެށުމުގެ ސަބަބުން ގިނަ ބައެއްގެ ހިތްތައް އޭނާ އަތުލިއެވެ.

އެ މަގުބޫލުކަމުގެ ތެރެއިން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވަނީ ޒާރާއާ ކައިވެނި ބައްލަވައިގަންނަވަން ނިންމަވާފައެވެ. މުޅި ރާއްޖޭގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބުނު އެ ކައިވެނި ކުރެވުނީ އޮކްޓޯބަރު 10، 2024 ގައެވެ. ނަމަވެސް، 2,024 ރުފިޔާގެ ރަނެއް ކިޔައިގެން ކުރި އެ ކައިވެންޏަށް އަހަރެއް ނުވަނީސް، މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ރޫޅާލާފައެވެ.

އެ ދުވަސްވަރު ސިޔާމް އާއި ޒާރާގެ ރަން ކިޔުމުގެ ހަފްލާގެ އިތުރުން ކައިވެނީގެ ބޮޑު ދެ ހަފްލާއެއް ބޭއްވިއެވެ. އެއީ ޒާރާގެ އުފަން ރަށް ކަމަދޫގެ އިތުރުން، ސިޔާމްގެ ރިސޯޓެއް ކަމަށްވާ އޮޅުވެލި ރިސޯޓުގައެވެ.

ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގަތްއިރުވެސް މޮރޮކޯގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވިއިރު، އެ ކައިވެނި އަދިވެސް އެގޮތުގައި ދެމިއޮތްކަން ފާހަގަކުރެވެއެވެ.