ވޯލްޑް ކަޕް 2026: މުބާރާތާއި ދިމާކޮށް އެމެރިކާގެ ހޮޓާތަކުން ބުކިންގް ހެދިވަރު ބޮޑުތަނުން ދަށަށް!
އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަކީ އެގައުމުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ މުބާރާތެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރުތަކުން ހޮޓާތަކުގެ ބުކިންތައް ހުރީ އުއްމީދުކުރި މިންވަރަށްވުރެ މާ ދަށުގައި ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
އެމެރިކާގެ 32،000 އަށްވުރެ ގިނަ ހޮޓާ ތަމްސީލުކުރާ އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެސޯސިއޭޝަން (އޭއެޗްއެލްއޭ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މުބާރާތް ބާއްވާ ގިނަ ސިޓީތަކުގެ ހޮޓާ ބުކިންތައް ހުރީ ވަރަށް ދަށުގައި ކަމަށެވެ. މިއީ ފަސް މިލިއަނަށްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށް ފީފާއިން ބުނާ ބުނުމާ ދިމާވާ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން މުބާރާތުން ލިބޭނެ ކަމަށް ލަފާކުރި އިގްތިސާދީ މަންފާ ނުލިބުމުގެ ބިރު އެބައޮތް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ފީފާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް
އޭއެޗްއެލްއޭ އިން ވަނީ މި މައްސަލައިގައި ފީފާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ފީފާއިން އަމިއްލަ ބޭނުމަށް މާ ގިނަ އަދަދެއްގެ ކޮޓަރިތައް ބްލޮކްކޮށް، ބާޒާރުގައި އާޓިފިޝަލް ޑިމާންޑެއް އުފެއްދި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ ސަބަބުން ކޮޓަރިތަކުގެ އަގު އިންތިހާއަށް އުފުލިފައި ވަނިކޮށް، ފަހުން ފީފާއިން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލް ކުރުމުން ހޮޓާތަކަށް ބޮޑު ހުސްކަމެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ފީފާގެ ތަރުޖަމާނަކު ވިދާޅުވީ ކޮޓަރިތައް ދޫކޮށްލާފައިވަނީ ހޮޓާތަކާއެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކަމަށާއި، މިއީ މިފަދަ ބޮޑެތި މުބާރާތްތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލު ކަމަށެވެ. އަދި ހޮޓާތަކާ ގަވާއިދުން މުއާމަލާތް ކުރަމުންދާ ކަމަށްވެސް ފީފާއިން ބުނެއެވެ.
ސަޕޯޓަރުންގެ ކަންބޮޑުވުންތައް
ހޮޓާތަކުގެ އަގު ބޮޑުވުމުގެ އިތުރުން، މެޗު ޓިކެޓްގެ އަގާއި، ދަތުރުފަތުރާއި ޓެކްސްގެ ހަރަދުތައް ބޮޑުވުމަކީ ސަޕޯޓަރުން ޒިޔާރަތްކުރުމަށް އޮތް ހުރަހެއް ކަމަށް ބެލެވެއެވެ. ގިނަ ސަޕޯޓަރުން މިހާރު އިސްކަންދެނީ ސިޓީގެ މެދުތެރޭގައި ހުންނަ އަގުބޮޑު ހޮޓާތަކުގެ ބަދަލުގައި، ސިޓީއާ ދުރުގައި ހުންނަ އަގުހެޔޮ ތަންތަނާއި އެއާބީއެންބީ ފަދަ ވަސީލަތްތަކަށެވެ.
Ads by BMLމުބާރާތް ފެށުމަށް ތިން ހަފުތާއަށް ވެފައިވާއިރު، ބޮސްޓަން، ޑަލަސް އަދި ލޮސް އެންޖެލެސް ފަދަ ސިޓީތަކުން ފީފާއިން ރިޒާވްކުރި ކޮޓަރިތަކުގެ 70 އިންސައްތަ ވަނީ ކެންސަލްކޮށްފައެވެ. އެހެންކަމުން، މި ވޯލްޑް ކަޕުން އެމެރިކާގެ އިގްތިސާދަށް 17.2 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، މިހާރު އެ އަމާޒަށް ވާސިލްވުމަކީ ނާދިރު ކަމެއް ކަމަށް މާހިރުން ދެކެއެވެ.
Ads by MACL
