ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަލްމާން ޚާން ޕަޕަރާޒީންނަށް ވަރުގަދަ އިންޒާރެއް ދިނުމަށްފަހު މާފަށް އެދިއްޖެ

ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާން ޚާން -- ފޮޓޯ: އިންސްޓާގްރާމް
ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާން ޚާން -- ފޮޓޯ: އިންސްޓާގްރާމް

ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓަރ ސަލްމާން ޚާން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް މީޑިއާއިން ހުރަސްއެޅުމުގެ ސަބަބުން ޕަޕަރާޒީންނަށް (ފޮޓޯގްރާފަރުންނަށް) ވަރުގަދަ އިންޒާރެއް ދިނުމަށްފަހު، އެމީހުންގެ ކިބައިން މާފަށްއެދިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ހޮސްޕިޓަލެއްގެ ބޭރުން، ސަލްމާން ޚާން މީހަކަށް ޒިޔާރަތްކުރުމަށްފަހު ނިކުތް ވަގުތު ފޮޓޯގްރާފަރުން އޭނާގެ ފަހަތުންގޮސް ފޮޓޯނަގައި އޭނާގެ ކުރިއަށް އޮތް ފިލްމުގެ ނަމުން ގޮވައި އަޑުގަދަކުރުމާ ގުޅިގެންނެވެ. އެވަގުތު ސަލްމާން ވަނީ "ބުއްދި ސަލާމަތުން އެބަހުރިތޯ" އަހައި އެމީހުންނާ ދިމާލަށް ވަރަށް ބޮޑަށް ރުޅިއިސްކޮށްފައެވެ.

މި ހާދިސާއަށްފަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓްތަކެއްގައި ސަލްމާން ޚާން ބުނެފައިވަނީ އޭނާގެ ދެރައާއި ތަދުން ބަޔަކު ފައިސާ ހޯދަން އުޅޭތީ ހިތްހަމަނުޖެހޭ ކަމަށާއި، މިހާރު އުމުރުން 60 އަހަރުވީ ނަމަވެސް ތަޅާފޮޅަން ހަނދާން ނުނެތޭ ކަމަށެވެ. ނަމަވެސް މި ހާދިސާ ހޫނުވުމާ ގުޅިގެން މުމްބާއީގައި ބޭއްވުނު ފިލްމީ ހަފްލާއެއްގެ ތެރެއިން ސަލްމާން ޚާން ފެނުމުން ފޮޓޯގްރާފަރުން ވަނީ އެއް އަޑަކުން އޭނާގެ ކިބައިން މާފަށް އެދިފައެވެ. ސަލްމާން ވަނީ އެމީހުންގެ މާފު ގަބޫލުކޮށް، ހުރިހާ ކަމެއްވެސް ރަނގަޅު ކަމުގެ އިޝާރާތެއް ދީފައެވެ.

މީގެ އިތުރުން ސަލްމާން ޚާންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ" (ކުރީގެ ނަމުން ނަމަ ބެޓްލް އޮފް ގަލްވާން) ރިލީޒްކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ހަމައެއާއެކު އޭނާ ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި، އޭނާގެ މުޅި ފިލްމީ ހަޔާތުގައިވެސް ދުވަހަކުވެސް ފިލްމެއްގެ ފުރިހަމަ ސްކްރިޕްޓް ކިޔާފައި ނުވާނެ ކަމަށާއި، ފިލްމުތައް އިޚްތިޔާރުކުރަނީ އޭގެ ވައިބާއި ވިޔަފާރީގެ ކާމިޔާބީއަށް ބަލާފައި ކަމަށް ބުނެ ސަޕްރައިޒެއް ދީފައެވެ.