ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑަބްލިއުޑީސީގެ މުސާރަ ބޮޑުކޮށްފި؛ ސިޓީތަކުގެ ރައީސުންނަށް 41,500 ރުފިޔާ، ރަށްރަށުގެ ރައީސުންނަށް 21,000 ރުފިޔާ

މާލެ ސިޓީގެ ޑަބްލިއުޑީސީގެ މެމްބަރުންނާއި އެކު މޭޔަރު އާޒިމް ----
މާލެ ސިޓީގެ ޑަބްލިއުޑީސީގެ މެމްބަރުންނާއި އެކު މޭޔަރު އާޒިމް ----

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) މުސާރަތަކާއި އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ބޮޑުކުރުމަށް ނެޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

ޕޭ ކޮމިޝަނުން މިގޮތަށް ކަނޑައެޅުމަށްފަހު، އައު މުސާރައިގެ އޮނިގަނޑުގެ ތަފްސީލްތައް މިހާރު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައެވެ.

މި ބަދަލާއެކު ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ އަސާސީ މުސާރައަކީ 33,000 ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު، ލިވިން އެލަވަންސްގެ ގޮތުގައި 8,500 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ސިޓީތަކުގެ ރައީސުންނަށް މަހެއްގެ މައްޗަށް ޖުމްލަ 41,500 ރުފިޔާ ލިބިގެންދާނެއެވެ.

ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ އަސާސީ މުސާރައަކަށް ކަނޑައަޅާފައިވަނީ 5,000 ރުފިޔާއެވެ. މީގެ އިތުރުން ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ނަމަވެސް ބައްދަލުވުންތަކުން އެންމެ ގިނަވެގެން މަހަކު ލިބޭނީ 2,000 ރުފިޔާ ކަމަށްވުމާއެކު، ނައިބު ރައީސުންގެ ޖުމްލަ މުސާރައަކަށް ވާނީ 7,000 ރުފިޔާއެވެ. އަދި ސިޓީތަކުގެ ކޮމިޓީ މެންބަރެއްގެ ޖުމްލަ މުސާރައަކީ މަހަކު 6,000 ރުފިޔާ ކަމަށް ޕޭ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަތަކަށް ބަލާއިރު، ރަށު ކޮމިޓީތަކުގެ ރައީސުންގެ އަސާސީ މުސާރައަކީ 16,500 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ 4,500 ރުފިޔާއާއެކު، ރަށު ކޮމިޓީތަކުގެ ރައީސުންނަށް މަހަކު ޖުމްލަ 21,000 ރުފިޔާ ލިބޭނެއެވެ.

ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ އަސާސީ މުސާރައަކީ 4,000 ރުފިޔާއެވެ. ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ މަގުން، ބައްދަލުވުންތަކުގެ އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނައިން 2,000 ރުފިޔާ ލިބޭ ގޮތަށް ހަމަޖެއްސުމުން، ރަށު ކޮމިޓީތަކުގެ ނައިބު ރައީސުންނަށް ޖުމްލަ މަހަކު 6,000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އާންމު މެންބަރެއްގެ ޖުމްލަ މުސާރައަކީ މަހަކު 5,000 ރުފިޔާ ކަމަށް ވެސް ޕޭ ކޮމިޝަނުގެ އައު އޮނިގަނޑުގައި ކަނޑައަޅާފައިވެއެވެ.