ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަތުރުވެރިން މަދުވުމުގެ އަސަރު އެއާޕޯޓް ފީއަށް؛ އާމްދަނީ 13 އިންސައްތަ ދަށަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ---
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ---

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވެ، މިއަހަރުގެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 13 އިންސައްތަ ދަށަށް ގޮސްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްގެ އާމްދަނީއަށް މި ހީނަރުކަން އައީ، 2025 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 19.8 އިންސައްތަ ދަށަށް ދިއުމާ ގުޅިގެންނެވެ.

މީރާއިން އެންމެ ފަހުން އާންމުކުރި އޭޕްރީލް މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 174.9 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 152.0 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 22.9 މިލިއަން ރުފިޔާގެ ދަށްވުމެއް ކަމަށްވާއިރު، މިއީ އޭޕްރީލް މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 5.8 އިންސައްތައެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން 10 މިލިއަން ޑޮލަރު ހިއްސާކުރަނީ ވެސް މި ފީއެވެ.

ފަތުރުވެރިން އައި މިންވަރު މަދުވުމުގެ ސަބަބުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އިތުރުން، ފަތުރުވެރިކަމާ ސީދާ ގުޅުންހުރި އެހެނިހެން ޓެކްސްތަކާއި ފީތަކަށް ވެސް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. އެގޮތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 177.9 މިލިއަން ރުފިޔާއިން 152.0 މިލިއަން ރުފިޔާއަށް ވަނީ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 185.3 މިލިއަނުން 185.0 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައިވާއިރު، ޓޫރިޒަމް ޖީއެސްޓީ (ޓީ-ޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ވަނީ މަދުވެފައެވެ.

ބައެއް ދާއިރާތަކުން އާމްދަނީ ދަށަށް ދިޔަ ނަމަވެސް، އޭޕްރީލް މަހު ޖުމްލަ އާމްދަނީގެ ގޮތުގައި މީރާއަށް 2.63 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ފަތުރުވެރިކަމުގެ ބިމު ކުލި، އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލަފާކުރި ވަރަށް ވުރެ ގިނައިން އާމްދަނީ ލިބުމުގެ އިތުރުން، ނުދައްކާ ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި ހާއްސަ މަސައްކަތްތަކެވެ. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި ބަލާއިރު ވޭތުވެދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ޖުމްލަ އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ލިބުނު ޖުމްލަ އާމްދަނީ އަދިވެސް 0.3 އިންސައްތަ ދަށެވެ.