ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ނޭމާއަށް ފުރުސަތު ދިނީ ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެންޗެލޮޓީއަށް މަޖުބޫރުކޮށްގެން

ވޯލްޑް ކަޕް 2026: ނޭމާއަށް ފުރުސަތު ދިނީ ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެންޗެލޮޓީއަށް މަޖުބޫރުކޮށްގެން

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއަށް ކުރިއަށް އޮތް ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވިފައި ވަނިކޮށް، ނޭމާއަށް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ދިނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޯޗު ކާލޯސް އެންޗެލޮޓީއަށް ކުރިމަތިކުރުވި ފިއްތުންތަކާއެކު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކާލޯ އަންޗެލޮޓީގެ ފުރަތަމަ ޕްލޭންގައި ނޭމާ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީ.ބީ.އެފް) އާއެކު އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ކުރިއަށް ދިޔައިރު، ފެޑެރޭޝަނުން ވަނީ ނޭމާ ޓީމުގައި ބެހެއްޓުމަށް މަޖުބޫރުކޮށްފައެވެ. އަދި އެންމެ ފަހު ވަގުތު މި ބަދަލު ގެނައީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމަށް ހަމަޖެހިފައިވާ ކާލޯ އަންޗެލޮޓީއާއެކު އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.

ސީ.ބީ.އެފްގެ އޮފިޝަލުން ނޭމާ ހިމެނުމަށް ބާރުއެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ނޭމާ ނުހިމަނައިފިނަމަ ބްރެޒިލްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެދާނެ ބޮޑު ނުރުހުމަކަށް ބިރުގަތުން ހިމެނެއެވެ. މީގެ އިތުރުން، ޓީމުގެ ސްޕޮންސަރުންގެ ފަރާތުން އަންނަ ބޮޑެތި ފިއްތުންތަކަކީ ވެސް މި ނިންމުން ބަދަލުކުރަން ޖެހުނު ސަބަބެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނޭމާގެ ދުނިޔޭގެ ފެންވަރުގެ މަގުބޫލުކަމާއި ނުފޫޒަކީ ބްރެޒިލްގެ ފުޓްބޯޅައަށް މާލީ ގޮތުންނާއި އިޝްތިހާރުގެ ގޮތުން ނުހަނު މުހިންމު ކަމަކަށް ވާއިރު، އޭނާ ނެތި ވޯލްޑް ކަޕަށް ދިއުމަކީ ވިޔަފާރީގެ ގޮތުން ވެސް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ފެޑެރޭޝަނުން ގަބޫލުކުރެއެވެ. މިކަމުގެ ސަބަބުން މިހާރު ބެލެވެނީ ބްރެޒިލްގެ މި ސުޕަސްޓާރު އަލުން ވޯލްޑް ކަޕްގެ ސްޓޭޖުން ފެނިގެންދާނެ ކަމަށެވެ.

މި ނިންމުމާއެކު ފުޓްބޯޅަ ދުނިޔޭގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ސުވާލު އުފައްދަނީ މިއީ ހަމައެކަނި ފުޓްބޯޅައިގެ ސިޔާސީ ނިންމުމެއްތޯ ނުވަތަ ބްރެޒިލް ޓީމަށް އެންމެ ރަނގަޅު ގޮތްތޯއެވެ. ކޮންމެއަކަސް، ނޭމާގެ ވޯލްޑް ކަޕް ހުވަފެން މިވަނީ އަލުން ދިރިފައެވެ.