ކައުންސިލް ރައީސުންނަށް ބައި ލައްކައެއްހާ ރުފިޔާ، ނައިބުންނަށް 35،000 އަށް ބޮޑުކުރަން އެމްޑީޕީން މަޖިލީހަށް!
ކައުންސިލްތަކުގެ ރައީސުންނަށް ބައި ލައްކައެއްހާ ރުފިޔާ، ނައިބުންނަށް 35،000 އަށް މުސާރަ ބޮޑުކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް އެ މައްސަލަ ދިރާސާކޮށްދެއްވުމަށް އެދި ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްއެވެ.
މި މަހުގެ 11 ވަނަ ދުވަހު ފޮނުއްވި މި ސިޓީގައި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ބަދަލުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 45,000 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 35,000 ރުފިޔާއަށް، އަދި ކައުންސިލް މެންބަރުންގެ މުސާރަ 25,000 ރުފިޔާއަށް ބޮޑުކުރުން ހިމެނެއެވެ.
މިގޮތަށް ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެންބަރު ވިދާޅުވީ، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުންގެ މުސާރަ، ކައުންސިލް އިދާރާތަކުގެ ބައެއް އިދާރީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަކޮށް އޮތުމެވެ. އެގޮތުން ކައުންސިލްގެ ރައީސަށްވުރެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުވުމާއި، ނައިބު ރައީސަށްވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިހާބީ އޮފިޝަލުންގެ މުސާރަ އާންމު މުވައްޒަފުންނަށްވުރެ ކުޑަކޮށް އޮތުމަކީ އެ ބޭފުޅުންނަކީ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ދެކުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން އިންތިހާބީ ބޭފުޅުންގެ ބާރުވެރިކަމަށް އުނިކަން އައިސް، އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށްވެސް މެންބަރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މި ހުށަހެޅީ، ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސައި، އެ ބޭފުޅުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ޕޭ ކޮމިޝަނުގެ އާ ނިންމުމާއެކު ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
Ads by MACL
