ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕެންޝަން ފަންޑުން ގެދޮރު އެޅުމަށާއި ޙައްޖަށް ދިއުމަށް ފައިސާ ބޭނުންކުރެވޭ އިސްލާޙް ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މިއީ މި ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙެވެ. މި ބިލަކީ މި ހިނގާ 2026 ވަނަ އަހަރުގެ މޭ މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މި އިޞްލާޙުގެ ދަށުން ޕެންޝަން ނިޒާމާއި ޕެންޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުدަނާކުރުމުގެ އުސޫލުތަކުގެ އިތުރުން، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އާންމުންނަށް ބޭނުންކުރެވޭނެ އައު ހާލަތްތަކެއް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށާއި، ގެދޮރު މަރާމާތުކުރުމުގެ ބޭނުންތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ނުވަތަ ރަހުނެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، މާތްވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމުގެ ބޭނުމުގައިވެސް ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުސަތު މި ބިލުން ވަނީ ހުޅުވާލާފައެވެ. އަދި ފަރުވާ ހޯދަންޖެހޭ ފަދަ ނުރައްކާތެރި ބައްޔެއް (ޓަރމިނަލް އިލްނަސް) ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް، އެމީހުންގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ޚާއްޞަ އުސޫލުތަކެއްވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފައެވެ.

މި ބިލުގައި އަސާސީ ޕެންޝަން ދިނުމުގެ އުސޫލުތަކަށްވެސް މުހިންމު ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުންދޭ އަސާސީ ޕެންޝަނަށްވުރެ އިތުރަށް، އެހެނިހެން ވަސީލަތްތަކުން އާމްދަނީގެ ގޮތުގައި ބޮޑު އަދަދެއް ލިބޭ ފަރާތްތަކަށް، ދެން އަސާސީ ޕެންޝަން ނުލިބޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން، މިހާރު މި އިޞްލާޙުތަކަށް އަމަލުކުރަން ވަނީ ފަށާފައެވެ.