ޙައްޖަކީ އިންސާނާގެ ދިރިއުޅުމުގެ ކުރު ދަތުރު ސިފަކޮށްދޭ އަޅުކަމެއް: ޚުތުބާ
ޙައްޖުގެ މަތިވެރި އަޅުކަމަކީ އިންސާނާގެ ދިރިއުޅުމުގެ ކުރު ދަތުރު ސިފަކޮށްދޭ އަޅުކަމެއް ކަމަށް ހުކުރު ޚތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިޙުރާމް ބަންނަ ހިނދުން ފެށިގެން ކިޔާ "ލައްބައިކަ" ގެ މާނައަކީ ﷲގެ އަމުރުފުޅަށް އިޖާބަދިނުމެއް ކަމަށާއި މިއީ މުޅި ޢުމުރަށް ﷲއަށް ކިޔަމަންގަތުމަށް ލިބޭ ޢަމަލީ ތަމްރީނެއް ކަމަށެވެ.
އަދި ޙައްޖުގެ އަޅުކަން ނިންމުމަށްފަހު، އެނބުރި މުޖުތަމަޢަށް އަންނައިރު ރަޙިމުގެ ގުޅުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުންވެސް މި ބަރަކާތްތެރި ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ﷲއަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
Ads by BMLޙައްޖަކީ ނަފުސު ތަރުބިއްޔަތުކޮށްދޭ ބުރަ އަޅުކަމެއް
ޚުތުބާގައި ފާހަގަކުރި ގޮތުގައި ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް، ޖާނާއި މުދާ ހޭދަކުރަންޖެހޭ، ދަތުރުފަތުރާއި ބައިބޯކަމުގެ ސަބަބުން ބުރަ އަޅުކަމެކެވެ. މި އަޅުކަމުގެ ތެރޭގައި އުރެދުންތަކުން ދުރުހެލިވެ، ކެތްތެރިކަމާއެކު ދޫ ރައްކާތެރިކުރުމަކީ މަބުރޫރު ޙައްޖެއް ލިބުމުގެ މަގެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް ނެތި، މާތް ﷲގެ ވަޖުހުފުޅު އެދި ޙައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން (ފާފަތަކުން ސާފުވެގެން) އެނބުރި އަތުވެއްޖެއެވެ." އަދި މަބުރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެއެވެ.
ޙައްޖުގެ މަނާސިކުތަކާއި އޭގެ ތަރުތީބު
ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ތަމައްތުޢު ޙައްޖުވެރިޔާ ޢުމުރާ ނިންމުމަށްފަހު، ޙައްޖުމަހުގެ 8 ވަނަ ދުވަހު އިޙުރާމް ބަނދެގެން މިނާއަށް ދާނެއެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުނަކީ 9 ވަނަ ދުވަހު ޢަރަފާތް ބިމުގައި ހޭދަކުރާ ވަގުތެވެ. އެއަށްފަހު މުޒްދަލިފާގައި ރޭކުރުމާއި، ޢީދު ދުވަހު މިނާގައި ހިލައުކުމާއި، ބޯބޭލުމާއި، ހަދުޔު ކަތިލުން ކުރިއަށްދާނެއެވެ. މި އަޅުކަން ނިމިގެންދަނީ ޠަވާފުލްއިފާޟާ އާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި ހިލައުކުމަށްފަހު ކުރެވޭ ވަދާޢީ ޠަވާފުންނެވެ.
ޚުތުބާ ނިންމާލަމުނަ ވަނީ ޙައްޖުގެ އަޅުކަމާއި ވިދިގެން އަންނަ ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި، މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމަށް ނަސޭހަތްތެރިވެފައެވެ.
ޢީދުގެ މުނާސަބާ ފާހަގަކުރާއިރު، ހިތްތަކުން ރުޅިވެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަން ދޫކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އުޅުމަށާއި، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
Ads by MACL
