އަނެއްކާވެސް ބަދަލެއް، ސިޓީގެ އަންހެން ރައީސުންނަށް 20،000 ރަށު ރައީސުންނަށް 15،000
ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސް، ފައިނަލް އަދަދުތައް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. މިއީ ފާއިތުވި ދެ ދުވަސް ތެރޭގައި މި މުސާރަތަކަށް ބަދަލު ގެނައި ތިންވަނަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، އަލަށް ކަނޑައެޅި އޮނިގަނޑުގެ ދަށުން ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ 20,000 ރުފިޔާއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 15,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މި އަދަދުތަކަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންމެ ފުރަތަމަ ޕޭ ކޮމިޝަނަށް ހުށަހެޅި އަދަދުތައް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް
އަލަށް އަމަލުކުރަން ފަށާ އޮނިގަނޑުގައިވާ ގޮތުން، ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް އަސާސީ މުސާރައާއި އެލަވަންސާއެކު 7,000 ރުފިޔާ ލިބޭނެއެވެ. އަދި މެންބަރުންނަށް ލިބޭނީ 6,000 ރުފިޔާއެވެ. ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 6,000 ރުފިޔާ ކަނޑައަޅާފައިވާއިރު، މެންބަރުންނަށް ލިބޭނީ 5,000 ރުފިޔާއެވެ.
މީގެ އިތުރުން، ނައިބު ރައީސުންނާއި މެންބަރުންނަށް ބައްދަލުވުންތަކުގައި ބައިވެރިވާ މިންވަރަށް ބަލައި ސީޓިން އެލަވަންސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ދޭން ނިންމާފައިވީ ނަމަވެސް، މި އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދެވޭނީ 2,000 ރުފިޔާއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމި އަދަދުތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އެންމެ ފުރަތަމަ ސިޓީތަކުގެ ރައީސުންނަށް 41,500 ރުފިޔާ ދޭން ނިންމުމަށްފަހު، ފަހުން އެ އަދަދު 33,000 ރުފިޔާއަށް ކުޑަކުރިއެވެ. ނަމަވެސް، މިއަދު މިވަނީ އެ އަދަދު 20,000 ރުފިޔާއަށް ދަށްކޮށް، މިއީ "ފައިނަލް" ނިންމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައެވެ.
Ads by MACL
