މިފަހަރު ދޮގު ޑޮކުމެންޓަރީ އެއްނޫން، މިއީ އަޝްފާގެ ”އުފަލުން ހެމާ”
މި ލަވަ ކިޔާދީފައިވަނީ ރާއްޖޭގެ މަޤުބޫލު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާއެވެ.
”އުފަލުން ހޭމާ“ ލަވައިގެ ފުރިހަމަ ޅެން ހަދާދީފައިވަނީ ނޫރުއްސަލާމް އަބޫބަކުރެވެ. ލަވައިގެ މިއުޒިކަށް ބަލާއިރު، މިކްސިންގް އަދި މާސްޓަރިންގް ހަދާފައިވަނީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށްވާ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ. އަދި މި ލަވަ ރެކޯޑުކޮށްފައިވަނީ ”ޓޯނިކް ލައިވް ސްޓޫޑިއޯ“ ގައެވެ.
”އަދަދު“ ގެ މި އުފެއްދުން ސްކްރީނަށް ގެނައުމުގައި ހުނަރުވެރި ގިނަ ބަޔަކު ވަނީ ޙިއްޞާވެފައެވެ. އެގޮތުން މި ލަވައިގެ ޑިރެކްޓަރަކީ އާދަމް ޒަރީރު އެވެ. ލަވައިގެ ކޮރިއޮގްރަފީ ތައްޔާރުކޮށްދިނީ ފާޠިމަތު ޖޫލިޔާ އެވެ. މީގެ އިތުރުން މަރްޔަމް ޝިމާން އިބްރާހީމް، އިމްނާ ޢިމްރާން އިސްމާޢީލް، ދީމާ އިބްރާހީމް، އަދި މަރްޔަމް ޒިހްނާ ޢަބްދުﷲ (ދެކަފި ޑާންސް ގްރޫޕް) މި ލަވައިގެ ވީޑިއޯއިން ފެނިގެން ދެއެވެ.
މި ލަވަ ވުޖޫދަށް ގެނައުމުގައި ސިންގަރ މޯލްޑިވްސް، އިންކް މޯލްޑިވްސް، ޔެސް މޯލްޑިވްސް ޕްވޓ ލްޓޑް، އެޗް78 ހޮޓެލް، ކ. ގުރައިދޫ ކައުންސިލް، އަދި ސެޓަން ސްޓޫޑިއޯގެ އެހީތެރިކަން ލިބިފައިވާކަން އަދަދު ނޫހުން ފާހަގަކުރެއެވެ. އަދި އައިޝަތު މަރީނާ، ޢާރިފާ މުޙައްމަދު، ޝައުލާން ސުހައިލް، އާހިލް އިލްޔާސް ޢަބްދުﷲ، އަދި އިބްރާހީމް ޝަޔާލް ޝިފާއު ދިން އެހީތެރިކަމަށްޓަކައި އެ ނޫހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދަދު ނޫހުގެ ޓީމުން ބޮޑު ޢީދާއި ދިމާކޮށް ލަވައެއް ނެރުނުއިރު، އެ ނޫސް މަޝްހޫރުވެފައިވަނީ ދޮގު ޑޮކިއުމެންޓްރީތައް ނެރެ އާންމުކުރާ ނޫހެއްގެ ގޮތުގައިއެވެ.
އެގޮތުން ކޮންމެ އިންތިޚާބަކާއި ދިމާކޮށް ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެތަކެއް ދޮގު ތުހުމަތުތަކެއް އަޅުވައި ޑޮކިއުމެންޓްރީތައް ނެރެއެއެވެ. އެގޮތުން އެންމެ ފަހުން ނެރުނު ޑޮކިމެންޓްރީއާއި ގުޅިގެން އެނޫހުގެ ދެ ނޫސްވެރިން ޖަލައްވެސް ލިއެވެ. އޭގެ ތެރެއިން އެކަމު މިއަދު ވަނީ މިނިވަްކޮށްފައިއެވެ.
Ads by MACL
