ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑައިވަރުންގެ ހަށިގަނޑުތައް މިރޭ ފަތިހު އިޓަލީއަށް ފޮނުވާލަނީ

ޑަވައިރުން ކޭވްޑައިވްއަކަށް ފޭބި ހޮހޮޅައިގެ ފޮޓޯއެއް --- ފޮޓޯ ޑެން ޔޫރަޕް
ޑަވައިރުން ކޭވްޑައިވްއަކަށް ފޭބި ހޮހޮޅައިގެ ފޮޓޯއެއް --- ފޮޓޯ ޑެން ޔޫރަޕް

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހުގެ ވަގުތެއްގައި އެޤައުމަށް ފޮނުވާލުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަތަރު މީހުންގެ ހަށިގަނޑު އިޓަލީވިލާތަށް ފޮނުވުމަށްފަހު އެޤައުމުގައި ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ޕޯސްޓްމޯޓަމްގެ ރިޕޯޓް ލިބުމުން، އެ މައުލޫމާތުތައް ރާއްޖޭގެ ތަޙްޤީގު ޓީމާ ހިއްސާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ހާދިސާއަކީ މި ހިނގާ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅުނު އިޓަލީގެ ފަސް ޑައިވަރުންނަށް ދިމާވި ހިތާމަވެރި ހާދިސާއެކެވެ. އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާއިރު، އެ ހަތަރު މީހުންގެ ހަށިގަނޑު ކޭވްގެ ތެރެއިން ލޮކޭޓް ކުރެވިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ ހޮހަޅައިގެ ތެރެއިން ފެނުނު ހަށިގަނޑުތައް ކަނޑުގެ އަޑިން ނެގުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ކަނޑުގެ އަޑިން މައްޗަށް ނަގާފައިވަނީ އޭގެ ޖެހިގެން އައި 20 ވަނަ ދުވަހުއެވެ.

މި ހާދިސާގައި ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފިންލެންޑްގެ ޑޭން ޔޫރަޕް ޓީމުން ވަނީ، އެ ހޮހަޅައިގެ ތެރެއިން ފެނުނު ތަކެއްޗާއި، އެމީހުންނަށް އެއްކުރެވުނު މައުލޫމާތުތަކުގެ އިތުރުން ތަޙުޤީޤަށް ބޭނުންވާނެ ހެކިތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.