ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އީރާނަށް ފުރާވަޑައިގެންފި
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު އިސް ސެކިއުރިޓީ ވަފުދަކާއެކު އީރާނުގެ ވެރިރަށް ތެހެރާނަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
އޭނާގެ މި ދަތުރުގެ ކުރިން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރުވެސް ވަނީ ތިން ދުވަސް ވަންދެން އީރާނުގެ އިސް ވެރިންނާ ބައްދަލުކޮށް، ދެ ފަރާތަށް އެއްބަސްވެވޭނެ އަސާސީ އޮނިގަނޑެއް އެކުލަވާލުމަށް މަސައްކަތް ކޮށްފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އަސްކަރީ ވެރިޔާގެ މި ދަތުރަކީ މި މަޝްވަރާތަކުން ކުރިއެރުމެއް ލިބެމުންދާކަމުގެ ބޮޑު ނިޝާނެކެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ކުރިއަށްދާ ވާހަކަތަކުން ކޮންމެސް ވަރެއްގެ "ކުޑަ ކުރިއެރުންތަކެއް" ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ ކުރިއެރުންތަކަކީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެކަމާ މާ ބޮޑަށް އުފާކޮށް ވާހަކަ ދައްކަވަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. މި މަޝްވަރާތަކަކީ ވަރަށް އުނދަގޫ ބަޔަކާއެކު ކުރިއަށްދާ މަޝްވަރާތަކެއްކަން ފާހަގަކުރަމުން ރޫބިއޯ ބުނީ، މިއީ އަދި މުޅިން ނިމުމަކަށް އާދެވުނު ހިސާބެއް ނޫން ކަމަށެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ވާހަކަ ދައްކަމުން ބުނީ، އީރާނުން މިހާރު ތިބީ އެއްބަސްވުމަކަށް އައުމަށް "މަރުދޭން" ތައްޔާރަށް ކަމަށެވެ. އެމެރިކާގެ އަސްކަރީ ބާރުގަދަކަން ފާހަގަކޮށް، ވެނެޒުއޭލާ އާއި އީރާނުގައި އެމެރިކާއިން ކޮށްފައިވާ ކަންކަމަށް ޓްރަމްޕް އިޝާރާތް ކުރިއެވެ. ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ޓްރަމްޕްގެ ބޮޑާ ވާހަކަތަކުގެ ސަބަބުން މަޝްވަރާތަކަށް ހުރަސްއެޅެމުންދާ ކަމަށާއި، އީރާނުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ ކުރިން އެމީހުންގެ ދިފާޢީ ބާރު ވަރުގަދަކޮށް ބާރުވެރި މަޤާމެއްގައި ތިބުމަށް ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ބުނީ، ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަމަށް އީރާނުން ހުރަސްއެޅުމަކީ އެންމެނަށް އޭގެ އަސަރުކުރާނެ ކަމެއް ކަމަށެވެ. އެ ކަނޑުއޮޅި އަލުން ހުޅުވުމަށް ބައިނަލްއަޤްވާމީ ޤައުމުތަކުން ގުޅިގެން ރޭވުންތަކެއް ރާވަންޖެހޭ ކަމަށް އޭނާ ބުންޏެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެމީހުންގެ ހުއްދާއެކު 35 އުޅަނދެއް ވަނީ އެ ކަނޑުއޮޅި ހުރަސްކޮށްފައެވެ.
މި ހަނގުރާމައިގެ ތެރެއިން އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ތެޔޮ އަދި ގޭސް ރައްކާކުރާ ވަސީލަތްތަކަށް ދިން ޙަމަލާތަކާ ގުޅިގެން، އީރާނުގެ އޮއިލް މިނިސްޓަރު މުޙުސިން ޕާކްނެޖާދު ވަނީ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. ޙަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ބޮޑުބައެއް އަލުން މަރާމާތު ކުރެވުނު ނަމަވެސް، އަދިވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
އަނެއްކޮޅުން، ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފްލޮޓިލާ ބޯޓުތަކުން އިސްރާއީލުގެ ސިފައިން ހައްޔަރުކުރި އެކްޓިވިސްޓުން މިނިވަންވުމަށްފަހު ވަނީ، އިސްރާއީލުން އެމީހުންނަށް ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ އިތުރުން ލާއިންސާނީ އަނިޔާތައް ކުރިކަމަށް ބުނެފައެވެ.
ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން 430 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި މި ޙާދިސާ އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. ހަމައެއާއެކު، އިސްރާއީލުން ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ގޮތުން ޔަހޫދީ އާބާދީތައް ފުޅާކުރަން ރާވާފައިވާ ރޭވުންތައް ކުށްވެރިކޮށް، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ޖަރުމަނު ހިމެނޭހެން 9 ޤައުމަކުން ވަނީ އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.
ނެދަލޭންޑްސްގެ ބަރުލަމާނުން ވަނީ އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކުން އުފައްދާ މުދާ އެޤައުމަށް އެތެރެކުރުން މަނާކުރުމަށްވެސް ފާސްކޮށްފައެވެ.
Ads by MACL
