އީދު ބަންދާ ދިމާކޮށް ވެލާނާ އެއާޕޯޓަށް ކުރިއާލައި ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި
އަޟްޙާ ޢީދު ބަންދާ ދިމާކޮށް އެއާޕޯޓް ބޭނުންކުރާ ފަސިންޖަރުންގެ އަދަދު އިތުރުވާނެތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ހުރިހާ ފަސިންޖަރުންވެސް ފްލައިޓް ގަޑިއަށްވުރެ މާ ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
މިއަދުން ފެށިގެން މި ހިނގާ މޭ މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ފުރުމުގައި ދިމާވެދާނެ ލަސްތަކުން ސަލާމަތްވުމަށްޓަކައި އެއާލައިންތަކުން ދޭ އިރުޝާދުތަކާއި ރިޕޯޓިން ގަޑިތަކަށް ފުރިހަމައަށް ސަމާލުކަންދީ، އެގޮތަށް އަމަލުކުރުމަށް އެ ކުންފުނިން ވަނީ ފަސިންޖަރުންގެ ކިބައިން އެދިފައެވެ.
މި ބާރުބޮޑު ދުވަސްވަރު އެއާޕޯޓުގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލްގެ ޓީމުތައް އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.
އެ ކުންފުނިން ވަނީ ހުރިހާ ފަސިންޖަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް، ހުރިހާ ދަތުރުވެރިންނަށްވެސް އަމާން އަދި އުފާވެރި ދަތުރަކަށް އެދިފައެވެ.
Ads by MACL
