އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުނީ ޞާލިޙްގެ މަގުބޫލުކަން ކުޑަވުމުން ކަމަށް ނަޝީދު ވިދާޅުވެއްޖެ
މިދިޔަ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އޮތް ރައްޔިތުންގެ މަގުބޫލުކަން ކުޑަވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނުރަސްމީ 'އެކްސް' އެކައުންޓަކުން ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެ އިންތިޚާބުން ބަލިވީ ޞާލިޙްގެ މަގުބޫލުކަން ދަށްވުމުގެ ސަބަބުން ކަމަށް ސީދާ ޞާލިޙަށް އަމާޒުކުރައްވައި ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީގެ ރަސްމީ ވިސްނުމަކީ އެއީއެއް ނޫނެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި އިންތިޚާބު ނާކާމިޔާބުވީ ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުންނެވެ. އޭރު ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ނަޝީދުގެ ފެކްޝަނުން 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އައު ޕާޓީއެއް ހަދައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރިއެވެ. އަދި ދެވަނަ ބުރުގައި ވެސް އެމްޑީޕީއާ ގުޅެން ދެކޮޅު ހެދުމަކީ ޞާލިޙަށް އިންތިޚާބު ގެއްލެން މެދުވެރިވި ސަބަބެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އިންތިޚާބަށްފަހު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތައް އަލުން އެމްޑީޕީއާ ގުޅިފައިވީ ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްރަހު އަދިވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ނަޝީދު އަންނަނީ ފޯރިއާ އެކު ކެމްޕޭން ކުރައްވަމުންނެވެ. ނަމަވެސް ރައީސް ޞާލިޙް ވަނީ ނަޝީދަށް ތާއީދުކުރެއްވުމުގެ ބަދަލުގައި މީކާއީލް އަހުމަދު ނަސީމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، މިއީ ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އިދިކޮޅު ހަރަކާތްތަކުގައި ކުރީގެ ރައީސް ޔާމީނާއެކު ނަޝީދާއި ޞާލިޙް ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރެއްވި ނަމަވެސް، ޕާޓީގެ އެތެރޭގެ ބާރުވެރިކަން ހޯދުމުގެ ވާދަވެރިކަމުގައި ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
Ads by MACL
