ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްތީނުގެ އަޚުން މިހާރު ގުނަމުންދަނީ އެބިމުގައި އެންމެފަހު ވަގުތުކޮޅު، ބިން ހިފުމަށް ޔަހޫދީންގެ ފަހު މަސައްކަތަށް ތައްޔާރުވެއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަހަރަށް އަތްގަދަ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.

އޭނާ މި ކަން ހާމަކޮށްފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޢުދުވާން އިތުރަށް ފުޅާކޮށް، ޣައްޒާގެ ރައްޔިތުން އެ މީހުން އަމިއްލަ ވަޒަނުން ބޭރު ކުރުމުގެ ރޭވުމެއް އިސްރާއީލުގެ ކެބިނެޓުން ވަނީ ފާސްކޮށްފައެެވެ.

ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށް، އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަހަރަށް އަތްގަދަ ކުރުމަށް ފަހު، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމަށް އަނިޔާވެރި ނަތަންޔާހޫ ވަނީ ރާވާފައެވެ. ނަތަންތާހޫ ބުނީ، ޣައްޒާ ޢުދުވާން ފުޅާ ކުރުމުގެ ގޮތުން އެ ސަހަރަށް އަރައިގަތުމަށް ފަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ނުފައިބާނެ ކަމުގައެވެ. ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ ރިޒަރވް ސިފައިންގެ އިތުރު މީހުންނަށް ޚިދުމަތަށް ނިކުތުމަށް އަމުރު ކޮށްފައެވެ.