ބޮޑުއީދުގެ ބަންދާ ދިމާވާތީ ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ޖޫން 15 އަށް އިތުރުކޮށްފި
އަޟްހާ އީދުގެ ބޮޑު ބަންދާ ދިމާވާތީ ލިޔެކިޔުންތައް ހަމަކުރުމުގައި އާންމުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުރިން މި މަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް މުއްދަތު އިތުރުކުރަން ނިންމީ، އީދު ޗުއްޓީއަށް ގިނަ ބަޔަކު ރަށްރަށަށް ފުރުމާއި ސަރުކާރު ބަންދުވުމުގެ ސަބަބުން ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާތީއެވެ. އެހެންކަމުން، މިހާރު ފޯމު ހުށަހެޅުމުގެ ފުރުސަތު ޖޫން 15 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެއެވެ.
މި ބަދަލާއެކު މުއްދަތު އިތުރުކޮށްދީފައިވާ ސްކީމްތަކުގެ ތެރޭގައި ހިމެނެނީ:
-
ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުގެ ހާއްސަ ކެޓަގަރީ
-
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފްލެޓް ކެޓަގަރީ
-
މާލޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން
-
"ބިންވެރިޔާ" ސްކީމްގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބި، ވަކިން ގޯއްޗަށް އެދޭ ފަރާތްތަކުގެ ކެޓަގަރީ
-
"ބިންވެރިޔާ" ސްކީމްގެ ދަށުން ފްލެޓެއް އޮތުމުން ޝަރުތު ހަމަނުވެ، ފްލެޓް ދޫކޮށްލާފައި ގޯއްޗަށް އެދޭ ފަރާތްތައް
-
"ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން މާލޭ މީހުންނަށް ދޫކުރާ ބަންޑާރަ ގޯތި
މި އަހަރުގެ ޖެނުއަރީ މަހު ފެށި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ސަރުކާރުން ވަނީ ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރެއިން ފްލެޓްތައް ބަހާލާފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިނޫން މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރަސްމާލެއިން 25,000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި އެ ސަރަހައްދުން 15,000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
Ads by MACL
