ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކޮށް 63 ޒުވާނަކު ދަސްވެނިވެއްޖެ
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ފަންނީ ތަމްރީނުތައް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް، 63 ޒުވާނަކު މިއަދު ރަސްމީކޮށް ދަސްވެނިވެއްޖެ އެވެ.
އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމެކެވެ.
މި ފަހަރު ދަސްވެނިވި ޒުވާނުންގެ ތެރޭގައި ގިނައީ އުމުރުން 17 އަހަރުގެ ކުދިންނެވެ. އެގޮތުން އެ އުމުރުފުރާގެ 37 ޒުވާނަކު ހިމެނޭއިރު، 18 އަހަރުގެ 24 ޒުވާނުންނާއި 19 އަހަރުގެ ދެ ޒުވާނުން ވެސް މި ބެޗުގައި ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ.
މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަސްވެނިވި ހުރިހާ ޒުވާނުންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. މީގެ އިތުރުން މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މުދައްބިރުންނަށާއި، އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނަށް ވެސް ރައީސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ތަހުނިޔާ ފޮނުއްވާފަ އެވެ.
މިއީ ވަތަނީ ހިދުމަތުގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ފަންނީ ދާއިރާތަކުން ކުރިއަށްދާން ޝައުގުވެރިކަން ފާޅުކުރި ކުދިންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ފުރަތަމަ ބެޗުގެ އިނީޝިއަލް ޓްރެއިނިން 346 ދަރިވަރުން ފުރިހަމަކުރިއިރު، މިއަދު ދަސްވެނިވި ޒުވާނުންނަކީ އޭގެ ތެރެއިން މި ފުރުސަތަށް ކުރިމަތިލީ ކުދިންނެވެ.
މި ޕްރޮގްރާމްގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާއިރު، މީގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިތުރު 75 ޒުވާނުންނާ އެކު މި ޕްރޮގްރާމްގެ އާ ބެޗެއްގެ ކިޔެވުން އަންނަ މަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.
Ads by MACL
