ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިމަބިހި ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްސަ ހެލްޕް ޑެސްކެއް ހުޅުވައިފި

ހިމަބިހި ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްސަ ހެލްޕް ޑެސްކެއް ހުޅުވައިފި

ރާއްޖޭގައި ހިމަބިހި (މީސްލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ހޮސްޕިޓަލުގެ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައި (މެއިން އީއާރު) ގެ އެމްބިއުލާންސް މަޑުކުރާ ސަރަހައްދުގައި ހުޅުވި މި ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، މި ދުވަސްވަރު ހުމާއެކު ގައިގައި ރަތްކުލައިގެ ބިހި ނެގުން ފަދަ އަލާމާތްތައް ފެންނަ ބަލިމީހުން، ހޮސްޕިޓަލުގެ އެތެރެއަށް ވަނުމުގެ ކުރިން މި ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ރޭގަނޑު 11 ޖެހުމުގެ ފަހުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި، ބޮޑެތި މީހުންނާއި މާބަނޑު މީހުން މެއިން އީއާރުގެ ޓްރައޭޖަށް އަދި ކުޑަކުދިން ހޮސްޕިޓަލުގެ ކުޑަކުދިންގެ އެމަޖެންސީ ރޫމަށް ދިއުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ކޭސް ފެނިފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހުމާއި ބިހީގެ އަލާމާތްތައް ހުންނަ މީހުން ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށާއި، ބަލިމީހާއާއެކު ވީހާވެސް މަދު އެހީތެރިން އައުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވީ ނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ކެއްސުމާއި، ހުން އައުމާއި، ލޯ ރަތްވުމުގެ އިތުރުން ގައިގައި ބިހި ނެގުމަކީ ބަލީގެ މުހިންމު އަލާމާތްތަކެވެ. އަދި ބިހިތައް ފެނުމުގެ 4 ދުވަސް ކުރިންނާއި ފަހުން ވެސް ނޭވާލާ ނިޒާމުގެ ޒަރީއާއިން މި ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ.