ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ނަންފުޅު ބޭނުންކޮށް، ފަނޑިޔާރުންނާއި ގުޅުވައި، އަދަދު ނޫހުން ފެތުރި ދޮގު ވާހަކަ ސާބިތުކޮށްދިނުމަށް ސަލަފުން އެދިއްޖެ

ރައީސްގެ ނަންފުޅު ބޭނުންކޮށް، ފަނޑިޔާރުންނާއި ގުޅުވައި، އަދަދު ނޫހުން ފެތުރި ދޮގު ވާހަކަ ސާބިތުކޮށްދިނުމަށް ސަލަފުން އެދިއްޖެ

ސަލަފް ޖަމިއްޔާ އާއި ގުޅުވައިގެން އަދަދު ނޫހުން ފެތުރި ދޮގު ވާޙަކައެއް ސާބިތުކޮށް ދިނުމަށް އެދި އެ ޖަމުއިއްޔާއިން އަދަދު ނޫހުގެ ކިބައިން އެދެފިއެވެ.

ސަލަފުން ފޮނުވި ސިޓީގައި ބުނެފައިވަނީ  ޖަމްޢިއްޔަތުއްސަލަފާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދޭކަމަށެވެ.

”ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ. މި އިބާރާތުގައި ހިނގާފައިވާ އެއްވެސް ކަމެއް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން ވެފައި ނެތްކަމަށް ސަލަފުން ޔަގީންކޮށްދެއެވެ. އަދި މިއީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އަދަދު ނޫހުން ޝާޢިޢު ކޮށްފައިވާ ހަބަރެއްކަމަށެވެ.

ޖަމްޢިއްޔާގެ ރައީސް ސޮއެކުރައްވާ، ޢަދަދު ނޫހުގެ އެޑިޓަރަށް ފޮނުވާފައިވާ މި ސިޓީގައި،  މިފަދަ ބޮޑު ބުހުތާނެއް ހަދާފައިވާތީ، އެކަމަށް ޖަމްޢިއްޔާގެ މެމްބަރުންގެ ގާތުން މާފަށް އެދުމާއެކު އެކަން އެ ނޫހުގައި ހާމަކޮށްދިނުމަށްވެސް އެދިފައިވެއެވެ. ނޫންނަމަ، ޚަބަރުގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ނަންތަށް ހާމަކޮށްދެއްވައި، މަޞްދަރާއި އަދި އެ ވާހަކައިގެ ތެދުކަމުގެ ހެކި ދެއްކެވުމަށްވެސް އެދިފައިވެއެވެ.


އިބްނު ޚަލީލު ނަމަކަށް ކިޔާ ބޭފުޅަކުގެ ނަމުގައި ލިޔުއްވާފައިވާ އެ ޚަބަރުގައި ބުނާ ވާހަކައިގެ ތެދުކަމުގެ ހެކި ނުދައްކަވާނަމަ، އެކަމުން ބަޔާންވެގެންދާނީ މީހުންގެ އަބުރު ކަތިލައި ބުހުތާނު ހަދައި، މުޖުތަމަޢުގެ މަސަލަސްކަން ނަގާލައި، ބަލްބަލާ އުފެއްދުމަށް ކުރެވޭ މުޑުދާރު ޢަމަލެއްކަމުގައި ސިފަކުރައްވާފައިވެއެވެ.


“ ހެކިނުދައްކަވައިފިނަމަ، އަޅުގަނޑުމެންނަށް ބަޔާންވެގެންދާނީ އެހެންޏާވެސް ”ޢަދަދު“ ނޫހާއިމެދު ރައްޔިތުންގެ ތެރޭގައި މަޝްހޫރުވެފައިވާ އަދި ތަޖްރިބާވަމުންދާ ”ޒިއްމާދާރުކަމެއްނެތް ޚަބަރާއި، ހިތްހަމަނުޖެހޭ ފަރާތަކާމެދު ބުހުތާނު ދޮގުފަތުރައިގެންވިޔަސް، އެފަރާތްތަކުގެ އަބުރު ކަތިލައި، އަނެއްބަޔަކު ބަދުނާމުކޮށް، މުޖްތަމަޢުގެ މަސަލަސްކަން ނަގާލައި، ބަލްބަލާ އުފެއްދުމުގެ މުޑުދާރު ޢަމަލެވެ.“ ސިޓީގައި ވެއެވެ.


ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޖަމްޢިއްޔާގެ އަގުވައްޓާލައި ބަދުނާމު ކުރުމަށް ކުރާ މަސައްކަތް ކުއްވެރި ކުރުމާއެކު، މިކަމުން ލިބޭ މަޢުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެވާހަކަވެސް މި ސިޓީގައި ވެއެވެ.


ޢަދަދު ނޫހަށް މިއަދު ފޮނުވާފައިވާ ސިޓީގެ ކޮޕީ މީޑިއާ ކައުންސިލަށް ވެސް އީމެއިލްގެ ޒަރީއާއިން  އެޖަމިއްޔާއިން ވަނީ ފޮނުވާފައެވެ.