ރައީސް މުޢިއްޒު މަޤާމުން ދުރުކުރަން އިދިކޮޅުން ކުރާ އުއްމީދުތަކަށް އަބްދުއްރަޙީމްގެ ހޫނު ރައްދެއް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އުއްމީދުތަކަކީ ހަގީގަތަކަށް ނުވާނެ "ނަނާ ހުވަފެންތަކެއް" ކަމަށް ސިފަކުރައްވައި، އެ ފުރުޞަތު މަޖިލީހުގެ ތެރެއިން ދުވަހަކުވެސް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ސިޔާސީ ގޮތުން ރައްޔިތުން މަގުފުރައްދަން އިދިކޮޅު ފަރާތްތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، މި ސަރުކާރު ބަދަލުކުރުމުގެ އެއްވެސް ޖާގައެއް މަޖިލީހުގެ ތެރެއިން ފަހިވެގެން ނުދާނެ ކަމަށެވެ.
މި މޭރުމުން އަބްދުއްރަޙީމް ވާހަކަފުޅު ދައްކަވާފައި މިވަނީ، މިއަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ސީދާ ރައްދު ދެއްވަމުންނެވެ.
އަބްދުއްރަޙީމް ބަޔާންކުރެއްވި ގޮތުގައި، ރައްޔިތުން ތިބީ ރައީސް މުޢިއްޒާއި ސަރުކާރު ކޯލިޝަނާ އެކުގައި ކަމަށާއި، މަޖިލީހަށް ހޮވަންވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ގައުމަށް ތަރައްޤީ ގެނެސްދޭނެ މެންބަރުން ކަމަށެވެ.
އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެއީ ހަމައެކަނި އަމިއްލަ އެދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އައްޑޫގެ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ މުހިއްމީ ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރަކު ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބު ކުރުން ކަމަށާއި، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ މަސައްކަތްތަކާ އެކު ޕީއެންސީއަށް މި ގޮނޑި ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިޚާބަކީ މަޖިލީހުގެ ތެރޭގައި ސަރުކާރުގެ ބާރުވެރިކަން ދެމެހެއްޓުމަށް ލިބޭ މުހިއްމު ފުރުޞަތެއްގެ ގޮތުގައި ސަރުކާރު ކޯލިޝަނުން ދެކެއެވެ.
Ads by MACL
