ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ބޭހުގެ މައްސަލައަށް ރަނގަޅު ބަދަލެއް އަންނާނެ: ރައީސް

ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ބޭހުގެ މައްސަލައަށް ރަނގަޅު ބަދަލެއް އަންނާނެ: ރައީސް

ރާއްޖޭގައި ބޭހުގެ މައްސަލައަށް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމަށް މި ކުންފުނި އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މި ކުންފުނީގެ ދަށުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ފާމަސީތަކެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިހާރުވެސް އައިޖީއެމްއެޗްގައި އެ ކުންފުނީގެ ފުރަތަމަ ފާމަސީ ގާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ބޭސް ފިހާރަތަކުން ނުލިބޭ ބޭސްތައް ރާއްޖެއިން ބޭރުން ގެނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަމަށްޓަކައި 1505 ނަންބަރު ހޮޓްލައިންގެ ހިދުމަތް މިހާރު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ބޭހަށް އެދިލެއްވޭނެ ގޮތަށް "ސްޓޭޓް ފާރމަރ ޕޯޓަލް" ތައާރަފްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މި ހުރިހާ މަސައްކަތްތަކަކާއެކު، ދިގުމުއްދަތުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.