އެފްކޯން ފައިނަލްގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލީ ސެނެގާލްގެ ސަޕޯޓަރުންނަށް މޮރޮކޯގެ ރަސްގެފާނު މައާފު ދެއްވައިފި
2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މޮރޮކޯގައި ޖަލަށްލާފައިވާ ސެނެގާލްގެ ސަޕޯޓަރުންނަށް އެ ގައުމުގެ ރަސްގެފާނު މުހައްމަދު ހަވަނަ މައާފު ދެއްވައިފިއެވެ. މޮރޮކޯގެ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައާފު ދެއްވީ "އިންސާނީ ސަބަބުތަކަށްޓަކައި" ކަމަށެވެ.
ރޯޔަލް ކޯޓުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ނިންމެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް ރިއާޔަތްކޮށް، އަދި ކުރިއަށް އޮތް އަޟްހާ އީދުގެ މުނާސަބަތާ ގުޅުވައިގެން ނިންމެވި ނިންމެވުމެކެވެ. މޮރޮކޯގައި މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
މިދިޔަ ފެބްރުއަރީ މަހު މޮރޮކޯގެ ކޯޓަކުން ވަނީ 18 ސެނެގާލް ސަޕޯޓަރަކު ތިން މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އޭގެ ތެރެއިން ތިން މީހަކު އޭޕްރީލް މަހު މިނިވަންވެފައިވާއިރު، ބާކީ ތިބި 15 ސަޕޯޓަރުންނަށް ރަސްގެފާނުގެ މި މައާފުގެ ދަށުން މިނިވަންކަން ލިބޭނެއެވެ. ސަޕޯޓަރުންގެ ވަކީލު ޕެޓްރިކް ކަބޫ އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި، އެމީހުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި މިނިވަންވާނެ ކަމަށް ބެލެވެއެވެ.
Ads by BMLމި ހަމަނުޖެހުން ހިނގާފައިވަނީ ޖެނުއަރީ 18 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން ސަޕޯޓަރުން ދަނޑަށް އެރުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމުން 14 މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. މެޗު އަލުން ފެށުމުން މޮރޮކޯއަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް، ސެނެގާލުން ވަނީ 1-0 އިން މެޗު ކާމިޔާބުކޮށްފައެވެ.
ނަމަވެސް، އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކެފް) އިން ފަހުން ވަނީ ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ނިންމައި، މޮރޮކޯއަށް 3-0 އިން މެޗު ކާމިޔާބުވި ކަމަށް ކަނޑައަޅައިފައެވެ. މިއާއެކު މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ މޮރޮކޯއަށެވެ. ސެނެގާލުން މިހާރު ވަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅާފައެވެ.
Ads by MACL
