ވޯލްޑް ކަޕް 2026: ފީފާގެ ހުއްދައާއެކު އީރާނުން ކޭމްޕް ކުރާ މަރުކަޒު އެމެރިކާއިން މެކްސިކޯއަށް ބަދަލުކޮށްފި
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެލެގްރާމް އެކައުންޓުގައި އާންމުކުރި ވީޑިއޯއެއްގައި މަހްދީ ތާޖް ވިދާޅުވީ، އީރާން ޓީމު ތިބޭތަން ނުވަތަ މަޑުކުރާނީ ޕެސިފިކް ކަނޑާ ކައިރި، މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރުގައި އޮންނަ ޓިޖުއާނާ ކޭމްޕްގައި ކަމަށެވެ.
މި ބަދަލުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ވިސާގެ މައްސަލަތަކުން ސަލާމަތްވެވޭނެ ކަމަށާއި، އީރާން އެއާގެ ފްލައިޓްތަކުގައި ސީދާ މެކްސިކޯއަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނެނީ ގްރޫޕް ޖީ ގައެވެ. އެ ޓީމުގެ ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ. އެއީ ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް އީރާން ނުކުންނާނެއެވެ.
މަހްދީ ތާޖް ފާހަގަކުރެއްވި ގޮތުގައި ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ފްލައިޓެއްގައި ދެވޭނީ އެންމެ 55 މިނެޓުންނެވެ. އެހެންކަމުން ކުރިން ކޭމްޕް ކުރަން އުޅުނު އެރިޒޯނާއަށްވުރެ ޓިޖުއާނާ މެޗުތައް ކުޅޭ ސިޓީތަކާ މާ ބޮޑަށްވެސް ކައިރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނަށް ދަތުރުފަތުރު ކުރުމާއި ސަލާމަތީ ކަންކަމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މުބާރާތް ފަށަން މަހަކަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އީރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދިވެސް އެމެރިކާގެ ވިސާ ލިބިފައިނުވާ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއެވެ. މިކަމާ ގުޅިގެން ފީފާގެ ފަރާތުން ވިސާ އާއި ސަލާމަތީ ކަންކަމުގެ ޔަގީންކަން ހޯދުމަށް އީރާނުން ވަނީ އެދިފައެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މެއި 29 ގައި ގޭމްބިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް އީރާނުން ވަނީ ނިންމާފައެވެ. އަދި ކޯޗު އާމިރު ގަލެނޮއީ ވޯލްޑް ކަޕަށް ދާ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް ޖޫން 1 ގެ ކުރިން އިއުލާން ކުރާނެއެވެ. ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.
Ads by MACL
