ވޯލްޑް ކަޕް 2026: 300 މިލިއަނަށް ޗައިނާ އަށް ވިއްކަން އުޅުނު ބްރޯޑްކާސްޓިން ރައިޓްސް 60 މިލިއަނަށް ކުޑަކޮށްފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ޗައިނާއަށް ވޯލްޑް ކަޕް ބްރޯޑްކާސްޓިން ރައިޓްސް ވިއްކުމަށް ކުރިން ކަނޑައެޅި 300 މިލިއަން ޑޮލަރުގެ ބަދަލުގައި، އެންމެ ފަހުން 60 މިލިއަން ޑޮލަރަށް އެ ރައިޓްސް ދިނުމަށް ނިންމައިފިއެވެ.
މި ބޮޑު ދޫދިނުމަކީ މުބާރާތް ފަށަން ކައިރިވެފައިވަނިކޮށް، ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމުގައި މެޗުތައް ނުދެއްކިދާނެ ކަމުގެ ބިރު އޮތުމުން ފީފާއިން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ ސަރުކާރުގެ ޓީވީއަށް 60 މިލިއަން ޑޮލަރަށް ރައިޓްސް ދިނުމަށް ފީފާއިން ނިންމައި، ދެ ފަރާތުގެ މެދުގައި މިހާރު ލިޔެކިއުންތައް ނިންމުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ވޯލްޑް ކަޕާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އިތުރުން، އަންހެނުންގެ ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަވެސް ޗައިނާއަށް ލިބިގެންދާނެއެވެ.
މި މައްސަލަ އިންޑިއާގައިވެސް ވަނީ ކުރިމަތިވެފައެވެ. އިންޑިއާއަށް ވޯލްޑް ކަޕް ރައިޓްސް ވިއްކުމަށް ފީފާއިން ކުރިން ކިޔާފައިވަނީ 150 މިލިއަނާއި 200 މިލިއަން ޑޮލަރާ ދެމެދުގެ އަގެކެވެ. ނަމަވެސް، އިންޑިއާގެ ޒީ ޓީވީ އާއި ޖިއޯ ގުޅިގެން 30 މިލިއަން ޑޮލަރަށް ރައިޓްސް ހޯދުމަށް ފީފާއާއެކު މިހާރު އަނގަބަހުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރަފްސްޓްރޯމް ވިދާޅުވީ ޗައިނާގައި ވޯލްޑް ކަޕް ދެއްކޭ ގޮތް ވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ޗައިނާއިން ކުރިން ކީ އަގަށް އެއްބަސްނުވީ، 2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތުގެ މެޗުތައް ކުޅޭ ވަގުތަކީ ޗައިނާގެ ބެލުންތެރިންނަށް މެޗު ބަލަން އުނދަގޫ ވަގުތުތަކަކަށް ވުމުން، ސްޕޮންސަރުން ހޯދުމަށް ދަތިވާނެތީއެވެ.
ދުނިޔޭގެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި ފީފާއިން މިގޮތަށް އަގު ކުޑަކުރީ، ދުނިޔޭގެ އެންމެ ބައިބޯ ދެ ގައުމުގައި ވޯލްޑް ކަޕް ނުދެއްކިއްޖެނަމަ ކުރިމަތިވެދާނެ ބޮޑެތި ފާޑުކިއުންތަކުން ސަލާމަތްވުމަށެވެ. މިއީ ބްރޯޑްކާސްޓިން ރައިޓްސްގެ ބާޒާރުގައި ފީފާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެއެވެ.
Ads by MACL
