ފަތުރުވެރިންތައް މަރުވި ހާދިސާއާއެކު މީގެ 40 އަހަރު ކުރިން މަރުވި އެހެން ޑައިވަރެއްގެ ވާހަކަ!
ވ. އަލިމަތާ ކައިރީގައި އޮންނަ "މިޔަރުކަނޑު ކޭވް" އަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހިތާމަވެރި ހާދިސާގެ ރިޕޯޓުތަކާއެކު، މީގެ ސާޅީސް އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި ފީނަން އުޅެނިކޮށް މަރުވި އިޓަލީގެ އަންހެން ޑައިވަރެއްގެ ހިތްދަތި ވާހަކަ އަލުން ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގެ ޚަބަރު އިވުމާއެކު، 1983 ވަނަ އަހަރުގެ ޖަނަވަރީ މަހު އެ ސަރަހައްދުގައި މަރުވި އިޓަލީގެ ފޮޓޯގްރަފަރެއް ކަމަށްވާ އެނާ މާރިއާ ޕިސްޓެލާޓޯގެ ފިރިމީހާ ޖޯޖިއޯ ބެޓިންއަށް ވަނީ ނަފުސާނީ ގޮތުން ބޮޑު ސިހުމެއް ލިބިފައެވެ. އިޓަލީގެ ނޫހަކަށް މައުލޫމާތު ދެމުން ބެޓިން ބުނި ގޮތުގައި، ކައިވެންޏަށްފަހު ހަނީމޫނަށް ރާއްޖެއައިސް އުޅެނިކޮށް އޭނާގެ އަލަތު އަނބިމީހާ އެނބުރި ނާދެވޭ ގޮތަށް ވަކިވީ އެންމެ 65 ފޫޓު އަޑިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށެވެ.
އެ ދުވަހަކީ މޫސުން ރީތި، އުފާވެރި ދުވަހެއް ނަމަވެސް ކަނޑުއަޑީގައި ދިމާވި ކުއްލި ހާލަތެއްގެ ސަބަބުން އަނބިމީހާ ގެއްލި، އޭނާގެ ހަށިގަނޑު ފެނުނީ 20 ދުވަސް ފަހުން ކަމަށާއި، އެ ހާސިދާއަށްފަހު އޭނާ ދުވަހަކުވެސް ދެން ޑައިވްކުރަން ނުދާ ކަމަށް ބެޓިން ކިޔައިދިނެވެ. ބޭރުގެ ބޮޑެތި ނޫސްތަކުގައިވެސް މި ވާހަކަ ރިޕޯޓުކޮށްފައިވާއިރު، ބެޓިން ފާހަގަކުރި ގޮތުގައި ކަނޑުއަޑިއަކީ ނުހަނު ރީތި ނަމަވެސް އެހާމެ ނުރައްކާތެރި ތަނެކެވެ.
ފަހުގެ ހާދިސާގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑުތައް މިހާރު ފެނިގެން މޫދުން ނަގާފައިވާއިރު، ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުން ލަފާކުރަނީ އެ މީހުން މަރުވީ ހޮހަޅައިގެ ތެރޭގައި މަގުއޮޅިގެންނެވެ. މި ފަތުރުވެރިންގެ ހަށިގަނޑުތަކާއި އެމީހުންގެ އިލެކްޓްރޯނިކް ސާމާނުތައް މިހާރު ވަނީ އިޓަލީއަށް ގެންގޮސް، އެ ގައުމުގެ އިދާރާތަކުން ޖިނާއީ ތަހުގީގެއް ފަށާފައެވެ.
މި ހާދިސާއަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިނގި އެންމެ ހިތާމަވެރި ޑައިވިންގ ހާދިސާއަށް ވެގެންދިޔައީ، ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގެ ތެރޭގައި ދިވެހި ސިފައިންގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީވެސް ނިޔާވުމާ ގުޅިގެންނެވެ.
Ads by MACL
