ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާގައި ހަރުކަށި ފިކުރު ފަތުރާ މީހުންނަށް އަމާޒުކޮށް އިސްރާއީލުން ޑިޖިޓަލް ހަނގުރާމައެއް ފަށައިފި

އެމެރިކާގެ މަޝްހޫރު މީޑިއާ ޝަޚްޞިއްޔަތު އެލެކްސް ޖޯންސް ---
އެމެރިކާގެ މަޝްހޫރު މީޑިއާ ޝަޚްޞިއްޔަތު އެލެކްސް ޖޯންސް ---

އެމެރިކާގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ އަދި ފާހަގަކޮށްލެވޭ ޓީވީ/ރޭޑިއޯ ހޯސްޓުންނާއި ނޫސްވެރިންނަށް އަމާޒުކޮށް، އެމީހުންނަށް ޑިޖިޓަލްކޮށް ބިރުދައްކާ ފުރާސާރަކުރުމަށް އިސްރާއީލުގެ އިންފޮމޭޝަން ވާފެއާ ޔުނިޓެއް ކަމަށްވާ "ޕްރޮޖެކްޓް 545" އަށް ހުއްދަ ދީފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު މީޑިއާ ޝަޚްޞިއްޔަތު އެލެކްސް ޖޯންސް ބުނެފިއެވެ.

އެލެކްސް ޖޯންސް ފާހަގަކުރި ގޮތުގައި އިސްރާއީލު ސަރުކާރުން މިފަދަ ޚާއްޞަ މައުލޫމާތު ހޯދާ އަދި ފަތުރާ ޔުނިޓުތަކަށް ބަޖެޓުގެ ގޮތުގައި ރަސްމީކޮށް 500 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވެއެވެ. އަދި މީގެ ތެރެއިން އެކަނިވެސް "545" ނަމަކަށް ކިޔާ ޔުނިޓަށް ނިމިދިޔަ އަހަރު 123 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

ޓްރަމްޕްގެ ސަރުކާރުގައި ކައުންޓަރ-ޓެރަރިޒަމްގެ އިސް މަޤާމެއް ފުރުއްވި ސެބަސްޓިއަން ގޯރކާ މި ކަންކަން އިތުރަށް ވަރުގަދަކޮށް ފުޅާކުރައްވާފައިވާ ކަމަށް ޖޯންސް ތުހުމަތުކުރެއެވެ. އޭނާ ބުނި ގޮތުގައި ގޯރކާ ވަނީ އީރާނާއި ރަޝިއާގެ ފައިދާއަށް މަސައްކަތްކުރާ ބޭރުގެ ޖާސޫސީ އެޖެންޓުންގެ ގޮތުގައި އެމެރިކާގެ ބައެއް ނޫސްވެރިންނާއި ހޯސްޓުން ކަނޑައަޅުއްވާފައެވެ.

މިގޮތަށް ކަނޑައެޅުމުގެ ބޭނުމަކީ އެމެރިކާ ސަރުކާރާ ގުޅިގެން ދޮގު މަޢުލޫމާތު ފެތުރުމާއި، އަބުރު ކުޑަކުރުމުގެ ކެމްޕޭންތައް ހިންގުމާއި، ސެންސަރުކުރުމާއި، އަދި ސޯޝަލް މީޑިއާގައި ބޮޓް ފާމްތައް ބޭނުންކޮށްގެން އެމީހުންނާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށާއި، އިސްރާއީލުގެ "545" ޔުނިޓުން ކުރާ މައިގަނޑު މަސައްކަތަކީވެސް އެއީ ކަމަށް ޖޯންސް ބުންޏެވެ.

އެލެކްސް ޖޯންސް ބުނާ ގޮތުގައި އޭނާއަށް މި މަޢުލޫމާތުތައް ލިބިފައިވަނީ ޕެންޓަގަންގެ ކުރީގެ ކޮރެސްޕޮންޑަަންޓަކު (ވިސުލްބްލޯވަރެއްގެ ގޮތުގައި) ދިން މަޢުލޫމާތުންނާއި، އަދި މިކަމަށް ބާރުދޭ އާންމުކޮށް ފެންނަން ހުރި ރަސްމީ ރެކޯޑުތަކުންނެވެ.