ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެކަން މިރޭ އިޢުލާން ކުރެވިދާނެ: ކަމަށް މާކޯ ރޫބިއޯ

އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެކަން މިރޭ އިޢުލާން ކުރެވިދާނެ: ކަމަށް މާކޯ ރޫބިއޯ
މެދުއިރުމަތީގެ ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުމަށް އީރާނާއެކު ވެވޭ އެއްބަސްވުމެއްގެ މަޢުލޫމާތު މިއަދު އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި އިޢުލާން ކުރެވިދާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދުނިޔެއަށް އުފާވެރި ޚަބަރެއް ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރޫބިއޯ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ހޯމުޒް ކަނޑުއޮޅީގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ އެއްބަސްވުމެކެވެ.

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެ ކަނޑުއޮޅީގެ ބޮޑު ބައެއް ބަންދުކޮށްފައެވެ. މީގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ބިރުވެރިކަން ނައްތާލުމަށް ރައީސް ޓްރަމްޕް ބޭނުންފުޅުވާ މިސްރާބަށް ދިއުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހޯމުޒް ކަނޑުއޮޅީގެ ހާލަތު ހައްލުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ރޫބިއޯ ވިދާޅުވީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުޞަތު ދުވަހަކުވެސް ނުދެވޭނެ ކަމަށެވެ. އަދި ވިޔަފާރި އުޅަނދުފަހަރަށް ދޭ ހަމަލާތަކަކީ މުޅިން ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށްވެސް އޭނާ ތަކުރާރުކުރެއްވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، އެމެރިކާ އާއި އީރާނުގެ އިތުރުން އެހެން ގައުމުތަކާ ދެމެދު ވެވޭ މި އެއްބަސްވުމުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް، ޓްރަމްޕަށް ތާއީދުކުރާ ސެނެޓަރު ޓެޑް ކްރޫޒް އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ފަދަ ބޭފުޅުން ވަނީ މި އެއްބަސްވުމަށް ފާޑުވިދާޅުވެފައެވެ. އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަނީ އީރާނަށް ތެޔޮ ވިއްކުމުގެ ފުރުޞަތު ލިބިގެންދާތީއެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރޫބިއޯ ވިދާޅުވީ، އީރާނާ ދެކޮޅަށް 'އެޕިކް ފިއުރީ' ގެ ނަމުގައި ހަނގުރާމަ ފައްޓަވައި، އެމެރިކާގެ އެއްވެސް ރައީސަކު އީރާނާ ދެކޮޅަށް އަޅުއްވާފައިނުވާ ވަރުގެ ވަރުގަދަ ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވާފައިވާ ކަމަށެވެ.

"މި ހަނގުރާމަ ފެށިއިރު ކަނޑައެޅި މަގްސަދުތަކަކީ ވަރަށް ސާދާ މަގްސަދުތަކެއް. އެއީ އީރާނުގެ ކަނޑުގެ ސިފައިން ނައްތާލުން، އެކަން މިހާރު ވަނީ ކޮށް ނިމިފައި،" ރޫބިއޯ ވިދާޅުވިއެވެ.

ހަނގުރާމައިގެ މަގްސަދުތަކުގެ ތެރޭގައި އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާދިނުމުގެ ގާބިލުކަން ކުޑަކުރުމާއި، އެ ގައުމުގެ ދިފާއީ ސިނާއަތަށް ގެއްލުން ދިނުން ހިމެނޭ ކަމަށާއި، އެ ހުރިހާ މަގްސަދުތަކެއް މިހާރު ހާސިލުވެފައިވާ ކަމަށް ރޫބިއޯ ވިދާޅުވެ ހަނގުރާމަ ނިންމާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.