ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ އައިއާރުޖީސީއާއި ގުޅިގެން މަސައްކަތްކުރި 9 މީހަކު އުމުރަށް ޖަލަށްލުމަށް ބަހްރޭނުން ހުކުމްކޮށްފި

އީރާނުގެ އައިއާރުޖީސީއާއި ގުޅިގެން މަސައްކަތްކުރި 9 މީހަކު އުމުރަށް ޖަލަށްލުމަށް ބަހްރޭނުން ހުކުމްކޮށްފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ގުޅިގެން ބަހްރޭނާ ދެކޮޅަށް ނުރައްކާތެރި އަދި ޓެރަރިސްޓް އަމަލުތަކެއް ހިންގަން އުޅުނު ކަމުގެ ކުށް ސާބިތުވެ، ނުވަ މީހަކު އުމުރަށް ޖަލަށްލުމަށް ބަހްރޭނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މީގެ އިތުރުން މި މައްސަލާގައި ހިމެނޭ އިތުރު ދެ މީހަކަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ބަހްރޭނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ބަހްރޭނުގެ ސިއްރު ސަރަހައްދުތަކާއި ތަންތަނުގެ މައުލޫމާތު އެއްކުރުމާއި، އެކަމާ ގުޅުންހުރި މާލީ މުއާމަލާތްތަކަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. މި އަމަލުތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ "ޢަދާވާތްތެރި އަދި ޓެރަރިސްޓް އަމަލުތަކެއް" ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބަހްރޭނުގެ އިންޓީރިއާ މިނިސްޓްރީން މިދިޔަ މޭ މަހުގެ 9 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އައިއާރުޖީސީއާއި ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ސަލާމަތީ ބާރުތަކުން ވަނީ އީރާނުގެ މި ޖަމާއަތާ ގުޅިގެން ހަރަކާތްތެރިވާ ގްރޫޕެއްގެ މައުލޫމާތު ހޯދައި، އެމީހުންގެ ރޭވުންތައް ހުއްޓުވާފައެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ބަހްރޭނާއި ގަލްފުގެ އެހެން ގައުމުތަކަށް އީރާނުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މި ހުކުމަކީ ގައުމީ ސަލާމަތް ދެމެހެއްޓުމަށް ބަހްރޭނުން އަޅަމުންދާ ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.