މުޅި ބަންގްލަދޭޝް ސިއްސުވާލި ހާދިސާ، އުމުރުން 8 އަހަރުގައި ރޭޕްކޮށް، ބޯ ބުރިކޮށްލައިފި!
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕައްލަބީ ސަރަހައްދުގައި އުމުރުން އެންމެ 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު، ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލައި ބޯ ބުރިކޮށްލި ހާދިސާއަކުން މުޅި ގައުމު ސިއްސުވާލައިފިއެވެ. މި ހާދިސާގައި މަރާލާފައިވަނީ ގްރޭޑް 2 ގައި ކިޔަވަމުންދިޔަ ރަމިސާ އަކްތާ ނަމަކަށް ކިޔާ ކުއްޖެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަމިސާގެ ހަށިގަނޑު ފެނިފައިވަނީ އެ އާއިލާ ދިރިއުޅޭ އިމާރާތުގެ އަވަށްޓެރި ފްލެޓެއްގައި ކުއްޔަށް އުޅޭ ސޮހެލް ރަނާ (32އ) ނަމަކަށް ކިޔާ މީހެއްގެ ކޮޓަރީގެ އެނދު ދަށުންނެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ޖަރީމާ ހިންގާފައިވަނީ ސޮހެލް އާއި އޭނާގެ އަނބިމީހާ ބައިވެރިވެގެންނެވެ.
ރަމިސާގެ މަންމަ، ޕަރްޗީން ބެގަމް ކިޔައިދިން ގޮތުގައި ކުއްޖާ ގެއްލިގެން ހޯދުމުގެ ތެރޭގައި ސޮހެލް އުޅޭ ފްލެޓް ކައިރިން ރަމިސާގެ ފައިވާން ފެނުމުން، ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަންއިރު ކުއްޖާގެ ހަށިގަނޑު އޮތީ އެނދު ދަށަށް ލާފައެވެ. ރަމިސާގެ ބޭބެ ބުނި ގޮތުގައި ކުއްޖާގެ ހަށިގަނޑު ފެނުނުއިރު ބޯ އޮތީ ވަކިކޮށްލާފައެވެ. ފަހުން ކުއްޖާގެ ބޯ ފެނިފައިވަނީ އެ ގޭގެ ފާހަނާ ތެރޭގައި ހުރި ބަކެޓެއްގެ ތެރެއިންނެވެ.
Ads by BMLމިރްޕޫރް ޑިވިޝަންގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މޮސްޓަކް ސާކާ ވިދާޅުވީ، ބެލެވޭ ގޮތުގައި ކުއްޖާ އެ ގެއަށް ގެންގޮސް ރޭޕްކުރުމަށްފަހު، ކުއްޖާ ހަޅޭއްލަވަން ފެށުމުން މަރާލީއެވެ. "މިކަން ކުރި ކަމަށް ސޮހެލް މިހާރު ވަނީ އިއުތިރާފުވެފައި،" ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސޮހެލް ރަނާ އާއި އޭނާގެ އަނބިމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ ކުއްޖާ ރޭޕްކޮށްފައިވާކަން ކަށަވަރު ކުރެވޭނީ އޮޓޮޕްސީ ރިޕޯޓަށް ފަހުގައި ކަމަށެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
