ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމަ ފެށިފަހުން މިއީ އެންމެ ހިތްދަތި ދުވަސްތައް، ތެލާއި، ފެނާއި، ކާބޯތަކެތި ހުސްވެ މުޅި ޣައްޒާ ހުސްވަނީ!

ޣައްޒާގެ ރައްޔިތުން ހިޖުރަކުރަނީ
ޣައްޒާގެ ރައްޔިތުން ހިޖުރަކުރަނީ

ހަނގުރާމަ ފެށިފަހުން ޣައްޒާގެ ރައްޔިތުންނަށް މިއީ އެންމެ ހިތްދަތި ދުވަސްކަމަށާއި، ބޮން އެޅުމަށްވުރެ ހިތްދަތިކަމަށް ޣައްޒާގެ ރައްޔިތުން ބުނަންފަށައިފިއެވެ.

މިހާރު ޣައްޒާގައި ތެލާއި، ފެނާއި، ކާބޯތަކެތި ހުސްވެސް މުޅި ޣައްޒާއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ރުއިމުގެ އަޑާއި ކާބޯތަކެއްޗަށް އާދޭސް ކުރުން ނޫން އަޑެއް ނީވެއެވެ. އިންސާނުން ގަސްތުގައި މަރައިލަނީއެވެ.

ދެއިރުލް-ބަލަޙްގެ މައި ހޮސްޕިޓަލުން ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ޚިދުމަތް ދެމުން ގޮސްފައިވަނީ ރައްކާކޮށްފައި ހުރި ތެލުގެ ސްޓޮކް ބޭނުންކޮށްގެންނެވެ.

ނަމަވެސް، ހޮސްޕިޓަލުގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ނުރައްކާތެރި ހާލަތެއް ކަމަށާއި، ތެލުގެ ދަތިކަމުގެ ސަބަބުން އެ މުއައްސަސާގެ ޚިދުމަތްތައް މެދުކެނޑިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދެނީ ގިނަ އަދަދެއްގެ ފަލަސްޠީނުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ މެދު ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި، ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދުތަކުން ސަލާމަތްވުމަށް ބަދަލުވެފައިވާ ފަލަސްޠީނުންނެވެ. މީގެ އިތުރުން، މި ހޮސްޕިޓަލުގައި ކިޑްނީ ޑަޔަލިސިސްގެ ޚާއްޞަ ޑިޕާޓްމަންޓެއްވެސް ޤާއިމުކުރެވިފައިވެއެވެ.

މި ފަރުވާ ހޯދާ ފަލަސްޠީނުން މުޅިން ބަރޯސާވަނީ މި ޚިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓަށެވެ. އަދި މީގެ އިތުރުން، އިންކިއުބޭޓަރުގައި ބަލަހައްޓަމުންދާ ނުރައްކާތެރި ހާލަތުގައިވާ ކުޑަކުދިންނާއި، ޣައްޒާ ސްޓްރިޕްގެ އެކި ހިސާބުތަކުގައި ލިބިފައިވާ ޒަޚަމްތަކާ ގުޅިގެން ކޮންމެ ގަޑިއިރަކު ސަރޖަރީ ހަދަމުންދާ ފަލަސްޠީނުންވެސް މި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދެއެވެ.

ފަލަސްޠީނުން މިހާރު ކުރިމަތިލާންޖެހިފައިވަނީ ހަމައެކަނި ހުއްޓުމެއްނެތި ކުރަމުންދާ ވައިގެ ހަމަލާތަކާއި އިސްރާއީލުގެ ބްލޮކޭޑްގެ ނޭދެވޭ އަސަރުތަކާ އެކަންޏެއް ނޫނެވެ.

އޭގެ އިތުރުން ތެލާއި، ބޭހާއި، ކާބޯތަކެތީގެ ބޮޑު ދަތިކަމެއްވެސް އެ ބައިމީހުން ތަޙައްމަލުކުރަމުންދެއެވެ. މި ހާލަތުގެ ސަބަބުން ފަލަސްޠީނުން ދުވަހުން ދުވަހަށް އިތުރު ވޭންތަކަކާ ކުރިމަތިލާންޖެހެއެވެ.

އަދި މަޢުލޫމާތު ދެއްވި ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި މި ދުވަސްތަކަކީ ޣައްޒާ ސްޓްރިޕްގައި ހަނގުރާމަ ފެށުނީއްސުރެ އެ ބައިމީހުން ކުރިމަތިލާންޖެހުނު އެންމެ ނުރައްކާތެރި އަދި އެންމެ ދަތި ދުވަސްތަކެވެ.