ބްރިޖުގެ އެންމެ އުސް ހިސާބުގައި ޕިކަޕަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއަށް ދަތުރުކުރި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، ސިނަމާލެ ބްރިޖުގެ އެންމެ އުސް ހިސާބުން އެމްޓީސީސީގެ ޓެކްސީއެއްގައި ބާރަށް ޖެހި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު 10:10 އެހާކަންހާއިރު ހިނގި މި ހާދިސާގައި، ޕިކަޕުން ޖެހުނު އެމްޓީސީސީގެ ކާރު ގޮސް ކުރިއަށް އޮތް އެހެން ވެހިކަލެއްގައިވެސް ވަނީ ލައިގަނެފައެވެ.
މި އެކްސިޑެންޓްގައި ދަތުރުކުރި އެއްވެސް މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، ދެ ވެހިކަލް ޖެހި ހިނގި މި އްކްސިޑެންޓްގައި އެމްޓީސީސީގެ ޓެކްސީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ކާރުގެ ފަހަތު ބަޔާއި ބޮޑު ބައެއް ހަލާކުވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
ހާދިސާ ހިނގި ވަގުތަކީ ބްރިޖުގެ ދަތުރުފަތުރު ބާރުބޮޑު ވަގުތަކަށް ވުމުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބުރޫއަރައި، ގިނަ އަދަދެއްގެ އުޅަނދުތައް ވަނީ ތޮއްޖެހިފައެވެ.
ފުލުހުންގެ ޓީމެއް އެވަގުތު ދިޔައީ ބްރިޖުމަތީގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޓްރެފިކް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ އިތުރުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by MACL
