މެސީގެ ސަޕޯޓަރުންނަށް ހިތާމަވެރި ޚަބަރެއް، މެސީއަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެ
މޭޖާ ލީގު ސޮކާގައި އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގެ މެދުތެރެއިން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ދަނޑުން ބާލައިފިއެވެ.
މި ހާދިސާއާ ގުޅިގެން އަންނަ ޖޫންމަހުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން މެސީގެ ފިޓްވެދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
ނޫ ސްޓޭޑިއަމްގައި މިދިޔަ ހޯމަ ދުވަހު ކުޅުނު މި މެޗުގެ 73 ވަނަ މިނެޓުގައި މެސީ ވަނީ އަނިޔާވެގެން ދަނޑުން ފައިބާފައެވެ. ރިޕޯޓުތައް ބުނާގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ހިލޭ ޖެހުމެއް ފޮނުވާލުމަށްފަހު މެސީ ވަނީ އޭނާގެ ވައަތު ފަލަމަސްގަނޑުގައި ހިފަހައްޓައި، ތަދުވާވާތީ އިޝާރާތެއް ކޮށްފައެވެ. އަދި އޭގެ ފަހުން މެސީ ވަނީ ދަނޑުން ފައިބައިފައެވެ. އޭނާގެ ބަދަލުގައި ދަނޑަށް އެރީ މަޓެއޯ ސިލްވެއްޓީއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އިންޓަ މިއާމީގެ ކޯޗު ގިލާމޯ ހޯޔޯސް ބުނީ، މެސީގެ ހާލަތާ ގުޅޭ ރަސްމީ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ ބޭލީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި، އެއީ ވަރުބަލިކަމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ކޯޗު ފާހަގަކުރިއެވެ.
"އަހަންނަށް އެނގިފައިވާ ގޮތުގައި އަދި މެސީގެ އަނިޔާގެ ރިޕޯޓެއް ނުލިބޭ، އެކަމަކު އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އެހެންވެ މެސީގެ އިޝާރާތާއި އެކު، ރިސްކެއް ނަގަން ބޭނުންނުވާތީ އޭނާ ބަދަލުކުރީ" ކޯޗު ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. މި މުބާރާތުގައި އާޖެންޓީނާ ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. މި މަހުގެ ކުރީކޮޅު އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން 55 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިއުލާނުކޮށްފައެވެ.
މި ސްކޮޑުގައި މެސީގެ އިތުރުން އެމީ މާޓީނޭޒް، ރޮޑްރީގޯ ޑި ޕޯލް، އެންޒޯ ފެނާންޑޭޒް އަދި ހޫލިއަން އަލްވަރޭޒް ފަދަ މުހިންމު ކުޅުންތެރިން ހިމެނެއެވެ.
މެސީއަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާ ވޯލްޑް ކަޕްގައި ކުޅުމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، ޓީމުން އުންމީދު ކުރަނީ މިއީ ސީރިއަސް އަނިޔާއަކަށް ނުވުމަށެވެ.
Ads by MACL
