ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަހަރުގެ އަރަފާތް ދުވަހު އިރު ގެފުޅާ ސީދާ އޮލަނބުވާނެ؛ މިއީ ކޮންމެ 33 އަހަރަކުން އެއްފަހަރު ފެންނަ މަންޒަރެއް: ރިޕޯޓް

މިއަހަރުގެ އަރަފާތް ދުވަހު އިރު ގެފުޅާ ސީދާ އޮލަނބުވާނެ؛ މިއީ ކޮންމެ 33 އަހަރަކުން އެއްފަހަރު ފެންނަ މަންޒަރެއް: ރިޕޯޓް

މިއަހަރުގެ އިސްލާމީ ކަލަންޑަރުގެ އެންމެ މުގައްދަސް އެއް ދުވަސް ކަމަށްވާ އަރަފާތް ދުވަހާ ދިމާކޮށް، އިރު ކައުބަތުﷲ ގެފުޅާ ސީދާ އޮލަނބުވާނޭ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. މިއީ ކޮންމެ 33 އަހަރަކުން އެއްފަހަރު ފެންނަ ވަރަށް ނާދިރު ފަލަކީ ހާދިސާއެކެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މި ހާދިސާ ހިނގާނީ 27 މެއި 2026 ވާ ބުދަ ދުވަހުގެ މެންދުރު ވަގުތުގައެވެ. އެއީ ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. އެ ވަގުތު އިރު ހުންނާނީ ސީދާ ގެފުޅުގެ މަތީގައި ކަމުން، މައްކާގައި ހުންނަ އެއްވެސް އެއްޗެއްގެ ހިޔަނި އެ ވަގުތު ނުފެންނާނެއެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކު ދެ ފަހަރު އިރު ގެފުޅާ ސީދާ މައްޗަށް އަރައެވެ. އެއީ މައްކާ އޮންނަ ސަރަހައްދުގެ ސަބަބުންނެވެ. ނަމަވެސް، މިއަހަރުގެ މި ހާދިސާ ހާއްސަވަނީ މިއީ އަރަފާތް ދުވަހާ ދިމާވާތީއެވެ. އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ 1993 ވަނަ އަހަރުއެވެ. މިކަން މިގޮތަށް ދިމާވަނީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގެ ދުވަސްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީން ބުނެފައިވަނީ މިއީ ގުދުރަތީ ފަލަކީ ހާދިސާއެއް ކަމަށާއި، މީގެ ސަބަބުން ހޫނުމިން އާދަޔާ ހިލާފަށް މަތިވެގެން ނުދާނެ ކަމަށެވެ.

މޫސުމަށް ބަދަލު އަންނަނީ ހަމައެކަނި އިރުގެ ދޯދިތައް ހުންނަ ގޮތުން ނޫން ކަމަށާއި، ވައިގެ ތެތްކަމާއި ވިލާގެ މިންވަރަށް ބަލައިގެން ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޙުސައިން އަލް ގަހްތާނީ ވިދާޅުވީ، މި ހާދިސާއަކީ ކޮންމެ އަހަރަކުވެސް ބަލަމުން އަންނަ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ފެތުރޭ ސައްހަ ނޫން މައުލޫމާތުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މޫސުމާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކުގެ ބަހަށް އިތުބާރު ކުރުމަށް އޭނާ އެދިވަޑައިގަތެވެ.