ޢީދު ހަވީރު 1447 ގައި އެމްއޭސީއެލް އިން ގިނަ ހަރަކާތްތަކަކާއެކު ބައިވެރިވަނީ، އަޝްފާޤުގެ ހުނަރުތައްވެސް ފެންނާނެ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ބާއްވާ "ޢީދު ހަވީރު 1447" ފެސްޓިވަލުގައި ބައިވެރިވުމަށް އެމްއޭސީއެލް އިން ނިންމައިފިއެވެ.
މޭ މަހުގެ 27 އިން 29 އިގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލުގައި އެ ކުންފުނީގެ ޚާއްޞަ ސްޓޯލްތަކާއި ކުޅިވަރުތައް ފެނިގެންދާނެއެވެ.
ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަކާދަތައް ހިމެނޭގޮތަށް އިންތިޒާމުކުރާ މި ހަރަކާތްތަކުގެ ތެރޭގައި ކޯޑީއާއި ބޮޑުބެރާއެކު މާލީގެ އެކި މަޖާ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލުން އެކި ދުވަސްތަކުގެ މަތިން ފެންނަމުންދާނެއެވެ.
މި ފެސްޓިވަލުގައި ހިމެނޭ އެމްއޭސީއެލްގެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އަރައި ކުޅެވޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެއް ހުންނާނެއެވެ. އަދި މުޅި ޢާއިލާއަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، އަދި ބަބުލް ހައުސް ފަދަ މަޖާ ކުޅިވަރުތަކުގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރުތަކެއް ވެސް މި ސްޓޯލްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައި ހުންނަ އެމްއޭސީއެލްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފޯރިއެއް ގެނެސްދިނުމުގެ ގޮތުން، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ޚާއްޞަ ފުޓްބޯޅަ ހުނަރުތައް ދައްކާލުން ވެސް މި ސްޓޯލްގައި އޮންނާނެއެވެ. އެމްއޭސީއެލް އިން ވަނީ އަޟްޙާ ޢީދުގެ މި އުފާވެރި އަދި ޢާއިލީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ލޯބިން ދަޢުވަތު އަރުވާފައެވެ.
Ads by MACL
