ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"މާ ލިލީ" އަށްފަހު ހޭވައްލާގެ ފޯރިގަދަ އާލަވަ "އީދު ގޮއްޔެ" އާއެކު މުޅި ސޯޝަލް މީޑިއާ ގުގުމާލައިފި

"މާ ލިލީ" އަށްފަހު ހޭވައްލާގެ ފޯރިގަދަ އާލަވަ "އީދު ގޮއްޔެ" އާއެކު މުޅި ސޯޝަލް މީޑިއާ ގުގުމާލައިފި

ކޮންމެ ބޮޑު އީދަކާ ދިމާކޮށް ދިވެހިން އެންމެ އާއްމުކޮށް އިންތިޒާރުކުރާ ހޭވައްލަ ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ އީދު ލަވަތަކުގެ ތެރެއިން، މިފަހަރުގެ އާ ލަވަ "އީދު ގޮއްޔެ" ރިލީޒްކޮށް މުޅި ސޯޝަލް މީޑިއާ އާއި މީޑިއާތައް މިވަނީ އެއްއަޑަކުން ގަދަކޮށްލާފައެވެ.

މިދިޔަ އަހަރު ނެރުނު މަގުބޫލު ލަވަ "މާ ލިލީ" އިން މުޅި ރާއްޖެ ސިއްސުވާލި ހޭވައްލަ އާއި ކްރިއޭޓިވް ނެޓްވޯކް ގުޅިގެން މިފަހަރު ނެރުނު މި އައު ޕްރޮޑަކްޝަނަކީ ވެސް މާސްޓަރޕީސެކެވެ. ރިލީޒްވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، "ޓޯކް އޮފް ދަ ޓައުން" އަށް މި ލަވަ މިހާރު ވަނީ ވެފައެވެ.

މި ލަވައިން އެންމެ ފާހަގަކޮށްލެވެނީ "ގޮއްޔެ" ގެ މައިގަނޑު ކެރެކްޓާއިން ފެންނަ ހުނަރުވެރި ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) ގެ ހަކަތައިން ފުރިގެންވީ ނެށުންތަކާއި ފުރިހަމަ އެކްޓިންގެވެ. ޝިޔާގެ އިތުރުން އަހުމަދު ވަލީދު (ފިއްޓެ)، މުހައްމަދު އިޝްފާން އަދި މޫސާ ފާހިރު (ތުއްތޮންބެ) ގެ ރާގުތަކާ ގުޅޭ ހަރަކާތްތަކުން ލަވައަށް ބޮޑު ދިރުމެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޗުވީޓް އާޝާ އަދި ޗެރީ ހުނޫ ޚާއްސަ ފެނިލުންތަކުން ފެނިގެންދިއުން ވެގެންދިޔައީ ބެލުންތެރިންނަށް ލިބުނު ބޮޑު ސަޕްރައިޒަކަށެވެ.

https://www.youtube.com/watch?v=t5JQgsvi1ZA

ސިނެމެޓިކް ގޮތުން ބަލާއިރު، ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ ސަމާހު އިބްރާހިމް އާއި ކެމެރާ އެސިސްޓް އިސްމާއިލް އިބާން (ބައިން) ވަނީ ސްކްރީނަށް ނުހަނު ކުލަގަދަ އަދި ޕްރީމިއަމް މަންޒަރުތަކެއް ގެނެސްދީފައެވެ. ބޮޑުބެރުގެ ފޯރިގަދަ ބީޓްތަކަށް ފައްކާކޮށްފައިވާ ކޮރިއޮގްރަފީ ތައްޔާރުކުރީ އަޒްހާން އިބްރާހިމް އެވެ. ސަގާފީ ރީތި ހެދުންތައް ޖާދުﷲ އިސްމާއިލް އާއި އަޒްހާން އިބްރާހިމް ފަރުމާކޮށްފައިވާއިރު، ރިޒްނާ އަހުމަދު (ރިޒްދައިތަ) ގެ މޭކަޕާއެކު ހުރިހާ ތަރިން ސްކްރީނުން ފެންނަލެއް ނުހަނު ޗާލެވެ.

އޯޑިއޯގެ ފުރިހަމަކަމަށް ބަލާއިރު، ރިބާހު ހުސައިން (ލިޔާންސޯރާ) ގެ ޅެންވެރިކަމަށް ރާގު ހަދައި އަޑުދީފައިވަނީ އަލީ ޔާމީން (ޔާމްބެ)، އިޔާދު އިޝާގް (ލައްޑޫ) އަދި ކޮމްޕޯސަރ ހުސައިން ސަމްހާން (ޝައްމު) އެވެ. މި ލަވައިގެ މިއުޒިކް މިކްސިންގް އަދި މާސްޓަރިންގްގެ މަސައްކަތް ހަދާފައިވަނީ ހޭވައްލަ ސްޓޫޑިއޯއިންނެވެ. ސަގާފީ ބޮޑުބެރުގެ ވަރުގަދަ ހަކަތައާއި ޒަމާނީ މިއުޒިކް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ "އީދު ގޮއްޔެ" އަކީ މިހާރުވެސް ޔޫޓިއުބްގައި ވިއުސްގެ ރެކޯޑްތައް މުގުރަމުންދާ ހިޓެކެވެ. މިއީ މިފަހަރުގެ ބޮޑު އީދުގެ ޕްލޭލިސްޓުން ކޮންމެހެންވެސް ޖާގަ ހޯދަންޖެހޭނެ ފޯރިގަދަ ލަވައެކެވެ.