ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެ ސަރަހައްދުގެ ބޮޑު ޖަމާއަތްތަކުގައި އީދު ނަމާދުކުރާނެ ޚަތީބުން އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފި

މާލެ ސަރަހައްދުގެ ބޮޑު ޖަމާއަތްތަކުގައި އީދު ނަމާދުކުރާނެ ޚަތީބުން އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފި

މި އަހަރުގެ އަޟްހާ ޢީދު ނަމާދު މާލެ ސަރަހައްދުގެ ބޮޑު ޖަމާއަތްތަކުގައި އިމާމުވެ ކުރައްވާނެ ޚަތީބުންގެ ތަފްސީލުތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ބޮޑު ޖަމާއަތް ހެދުމަށް މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ޖުމްލަ 4 ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މި ސަރަހައްދުތަކުގެ އިތުރުން މާލޭގެ 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާނެވެ. ވިލިމާލެ ފުޓުބޯޅަ ދަނޑުގެ ބޮޑު ޖަމާއަތުގެ ޚަތީބަކީ އަލްޤާރީ އަހްމަދު ރިޔާޟް އެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގައި އައްޝައިޚް ނަޞްރުﷲ ޢަލީ އީދު ނަމާދު ކުރައްވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި އިމާމުވެ ހުޠުބާ ކިޔުއްވާނީ ޒުވާން ޚަތީބު އަލްހާފިޡް މުޙައްމަދު ޙަނޫން ހުސައިންނެވެ.

މީގެ އިތުރުން، އިސްލާމީ މަރުކަޒުގެ ބޮޑު ޖަމާއަތުގައި އިމާމުވެވަޑައިގަންނަވާނީ އެ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފެވެ. އަދި މަސްޖިދުލް މަލިކު ސަލްމާންގައި އިމާމުވެ އީދު ނަމާދު ކުރައްވާނީ އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑައެޅިފައިވާ ހާމަ މައިދާންތަކުގައި ބޮޑު ޖަމާއަތް ނުހެދޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރުން ކުރިއަށްދާނެއެވެ.

މިއަހަރުގެ ބޮޑު އީދު ނަމާދު ކުރުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 7:00 ގައެވެ.