ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންނަމާދޫ އަދި މަގޫދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރުތަކެއް ފޮނުވައިފި

އިންނަމާދޫ އަދި މަގޫދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގެންދިޔަ 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރުތައް
އިންނަމާދޫ އަދި މަގޫދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގެންދިޔަ 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރުތައް

ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފ. މަގޫދޫ އަދި ރ. އިންނަމާދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 400 ކިލޯވޯޓުގެ މުޅިން އައު ދެ ޖެންސެޓް އެ ރަށްރަށަށް ފޮނުވައިފިއެވެ.

މި ދެ ޖެންސެޓް އިއްޔެގެ ވަގުތެއްގައި އެ ރަށްރަށަށް ގެންދެވިފައިވާއިރު، މިހާރު ކުރިއަށްދަނީ ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، މިއަދުގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމައި، ޚިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

މަގޫދޫގައި މިވަގުތު ކަރަންޓުގެ ޚިދުމަތް ދެމުން ގެންދަނީ 400 ކިލޯވޯޓު އަދި 150 ކިލޯވޯޓުގެ ޖެންސެޓަކުންނެވެ. އެ ރަށުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރި ނަމަވެސް، އަލަށް އިތުރުކުރެވޭ 400 ކިލޯވޯޓުގެ ކެޕޭސިޓީއާއެކު ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އިންނަމާދޫގެ ހާލަތަށް ބަލާއިރު، އެ ރަށުގައި މިވަގުތު ޚިދުމަތް ދެމުންދާ ތިން ޖެންސެޓްގެ ޖުމްލަ ކެޕޭސިޓީއަކީ 1000 ކިލޯވޯޓެވެ. ނަމަވެސް ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ހުރި ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ބޭނުންކުރަން ޖެހުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެއެވެ. އަލަށް ފޮނުވި ޖެންސެޓާއެކު، ކަރަންޓުގެ ޚިދުމަތަށް ބުރޫ ނާރައި އިތުބާރާއެކު ޚިދުމަތް ދިނުމުގެ ފުރުސަތު ފަހިވާނެއެވެ.

މި ޖެންސެޓްތައް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، މަގޫދޫ އަދި އިންނަމާދޫގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.