"މެސީއަށް ލިބުނު އަނިޔާ ސީރިއަސް އެއް ނޫން، ވޯލްޑް ކަޕްގައި ކުޅެވޭނެ"
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކުރިން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އަނިޔާގެ މައްސަލައެއް ކުރިމަތިވުމުން ސަޕޯޓަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުން ތަކެއް ވަނީ އުފެދިފައިއެވެ،
ވޯލްޑް ކަޕްގެ ކުރިން އެމެރިކާ ލީގުގައި އިންޓަ މިއާމީއަށް ލިއޮނެލް މެސީ ކުޅުނު ފަހު މެޗުގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާއެއް ލިބި މެޗުގެ ތެރެއިން ބަދަލުކުރި މަންޒަރު ފެނިގެން ދިޔައެވެ.
ގިނަ ބަޔަކު ދަނީ މެސީއަށް ލިބުނު މި އަނިޔާއާއި ގުޅީގެން އަންނަ ވޯލްޑް ކަޕްގައި އޭނާއަށް ނުކުޅެވިދާނެ ކަމަށް ބުނަމުންނެވެ. އަދި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައިއެވެ.
Ads by BMLކަންމިހެން ހުރި ނަމަވެސް އޭރު މެސީގެ މެޑިކަލް ރިޕޯޓުތައް ނުލިބޭތީ އޭނާގެ އަނިޔާއާއި މެދު އެއްވެސް ފަރާތުން ވަކި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް މިކަމާ ގުޅިގެން މެސީގެ ކްލަބް، އިންޓަ މިއާމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ. އަދި ވޯލްޑް ކަޕްގައި ނުކުޅެވޭވަރުގެ ބޮޑު ގެއްލުމެއް މެސީއަށް ލިބިފައި ނުވާކަން ޓެސްޓުތަކުން ދައްކާމަށް ވަނީ ބުނެފައެވެ.
"އިންޓަ މިއާމީގެ ކެޕްޓަން މިދިޔަ އާދީއްތަ ދުވަހު ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑުން ފައިބަން ޖެހުނީ އުނދަގޫތަކެއްވެ، އަނިޔާގެ އިހުސާސްތަކެއް ކުރެވުމުން. ހޯމަ ދުވަހު ހެދި މެޑިކަލް ޓެސްޓުތަކުން ދައްކަނީ ވައަތު ފައިގެ ފަލަމަސްގަނޑަށް އޭނާ މާ ބޮޑަށް ވަރުބަލިކަމުގެ އިހުސާސް ކުރެވުމުގެ ސަބަބުން ލޯޑު ބޮޑުވެގެން ވީ ކަމެއް ކަމަށް،" ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެހެން ނަމަވެސް މެސީ އަލުން ކުޅުމަށް އެނބުރި އަންނާނެ ސީދާ ތާރީޚެއް ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. ކްލަބުން ބުނި ގޮތުގައި އޭނާ އެނބުރި އައުން ބިނާވެފައި އޮންނާނީ އޭނާގެ ހާލަތު ރަނގަޅުވަމުންދާ މިންވަރެއްގެ މައްޗަށެވެ. އެމެރިކާގެ މޭޖަރ ލީގު ސޮކާ (އެމް.އެލް.އެސް) މިހާރު ވަނީ ވޯލްޑް ކަޕަށް މެޗުތައް މެދުކަނޑާލާފައެވެ. މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ.
އާޖެންޓީނާގެ ފައިނަލް ސްކޮޑު އަދި އިއުލާނު ނުކުރި ނަމަވެސް، 55 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުގައި އުމުރުން 38 އަހަރުގެ މެސީ ވަނީ ހިމަނާފައެވެ. އަށް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ މެސީއަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.
މިފަހަރުގެ މުބާރާތުގައި ވެސް އާޖެންޓީނާގެ ކެޕްޓަންކަން ކުރާނީ މެސީ ކަމަށް ބެލެވެއެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރަށް ވެގެންދާނެއެވެ. ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ޖޫން 6 ގައި ހޮންޑިއުރަސްއާ ދެކޮޅަށް އަދި ޖޫން 9 ގައި އައިސްލޭންޑާ ދެކޮޅަށް އެޓީމު ނުކުންނާނެއެވެ.
Ads by MACL
