ހޮސްޕިޓަލުގައި ފަރުވާދިން ހާޖީއާއެކު ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ
މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުމުގެ ސަބަބުން އަރަފާތު ބިމަށް ދިއުން ލަސްވި ދިވެހި ހާޖީ، ސިއްހީ ހާލަތު ރަނގަޅުވުމާއެކު މިހާރު ހުރިހާ ހައްޖުވެރިންނާ ގުޅިފައިވާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ހާމަކޮށްފިއެވެ.
ހައްޖު މިޝަނުން ބުނި ގޮތުގައި، އެ މީހާގެ ހާލު މިހާރު މުޅިން ރަނގަޅެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެއްވެސް ހާޖީއަކު ފިޔަވައި އެހެން ހުރިހާ އެންމެން މިއަދުގެ ފަތިހުގެ ވަގުތެއްގައި ވަނީ އަރަފާތު ބިމަށް ގޮސްފައެވެ. ބަލިވި ހާޖީއަށް އެހެން މީހުންނާއެކު ފުރަތަމަ ދަތުރު ނުކުރެވުނީ ސިއްހީ ކުއްލި ސަބަބަކާ ހުރެ ހޮސްޕިޓަލުގައި ބާއްވަން ޖެހުމުންނެވެ. ނަމަވެސް، އޭނާ އަރަފާތު ބިމަށް ގެންދިއުމުގެ މަސައްކަތް ހެނދުނުން ފެށިގެން ކުރަމުންގޮސް، މިއަދު ހެނދުނު 11 ޖަހާކަށްހާއިރު ހުރިހާ ދިވެހި ހައްޖާޖީންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް ހައްޖު މިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.
މައްކާ ގަޑިން ރޭގެ 9 ޖެހިއިރުން ފެށިގެން ހައްޖުވެރިން މިނާއިން އަރަފާތަށް ދިއުމުގެ ދަތުރު ފަށާފައިވާއިރު، ހައްޖުގެ އެންމެ މުހިންމު ރުކުން ފުރިހަމަކުރުމަށްޓަކައި މިއަދުގެ އިރުއޮއްސުމާ ހަމައަށް ހުރިހާ ހައްޖުވެރިންވެސް ހޭދަކުރާނީ އަރަފާތު ބިމުގައެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1،000 އެއްހާ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.
Ads by MACL
