ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޯރިގަދައެއްނު، ކަމަދޫ އީދުލަވައަށް 6 ދުވަހުން ލައްކައެއްހާ މީހުން ބަލައިފި!

ފޯރިގަދައެއްނު، ކަމަދޫ އީދުލަވައަށް 6 ދުވަހުން ލައްކައެއްހާ މީހުން ބަލައިފި!

މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ބ. ކަމަދޫއިން ނެރުނު "ކަމަދޫ އީދު 1447 ޕްރޮމޯޝަނަލް ސޮންގް، ހިތުން ހިތަށް" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު މަގުބޫލުކަމަކާއި ފޯރިއެއް ލިބެން ފަށައިފިއެވެ.

ޔޫޓިއުބަށް މި ލަވަ ދޫކޮށްލިތާ އެންމެ 6 ދުވަހުގެ ތެރޭގައި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މި ލަވަ ބަލައިފައެވެ. މިއީ ރާއްޖޭގެ ރަށަކުން ނެރުނު އީދު ލަވަޔަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރަށް ވެދާނެއެވެ.

މި ލަވަޔަށް އާންމުންގެ ސަމާލުކަން މިހާ ބޮޑަށް ހުއްޓުނު އެއް ސަބަބަކީ، ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ މަޝްހޫރު ނަށާ ކޮއެލް، ޒާރާ އަލުން ސްކްރީނުން ފެނިގެންދިއުމެވެ.

ލަވައިގެ ކޮމެންޓްތަކަށް ބަލާއިރު ގިނަ ބަޔަކު ތިބީ ޒާރާގެ ހިތްގައިމު ހަރަކާތްތައް އަލުން ފެނުމުން އުފަލުންނެވެ. މީގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި އެކަތި ބޮޑުބެރު ގްރޫޕުގެ ހުނަރުވެރި ހަރަކާތްތައް ވެސް މި ލަވައިން ފެނިގެންދެއެވެ.

މި ލަވައަކީ ކަމަދޫގެ ފޯރިގަދަ ސަގާފީ އީދު ހަރަކާތްތައް އިޝްތިހާރު ކުރުމުގެ ގޮތުން "ކަމަދޫ އީދު އުފާ" ޗެނަލުން އާންމުކުރި ލަވައެކެވެ.

ލަވައިގެ މިއުޒިކާއި، މަންޒަރުތައް ނަގާފައިވާ ގޮތުގެ ރީތިކަމުން، މިއީ ހަމައެކަނި އީދު ލަވައެއްގެ އިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ މުހިންމު އުފެއްދުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މިހާރު ވެސް ސޯޝަލް މީޑިއާގައި މި ލަވައިގެ ފޯރި ގަދަވެ، ބަލާ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ.