މުސާރަ ލިބޭނެ، އެކަމަކު 28 އާއި 31 ގައި!
މި ހިނގާ މެއި މަހުގެ މުސާރައާއި އިނާޔަތްތައް ދައުލަތުގެ މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހު ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރަން ޖެހުނީ ކުރިއަށް އޮތް އަޟްޙާ އީދު ބަންދާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުވުމާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
އީދު ބަންދުގެ ސަބަބުން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާއިރު، ރަސްމީކޮށް އޮފީސްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 31 ގައެވެ. އަދި މި ދިގު ބަންދުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ކަނޑައަޅާފައިވަނީ ހަމައެކަނި މެއި 28 ވާ ބުރާސްފަތި ދުވަހު އެކަންޏެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމަށްވާ މެއި 28 ގައި އަދި ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވޭ 31 ވަނަ ދުވަހު މުވައްޒަފުންގެ އެކައުންޓްތަކަށް މުސާރައާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެވެސް މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން މުސާރަ ދޫކުރުމުގެ ކަންކަން ނިންމާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.
Ads by MACL
