ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލީ ރަމީޒުގެ އައު ޢީދު މަދަހައެއް "މަންފާ" އިން ނެރެފި

އަލީ ރަމީޒުގެ އައު ޢީދު މަދަހައެއް "މަންފާ" އިން ނެރެފި

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "މަންފާ" ގެ ފަރާތުން، ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މަޝްހޫރު މަދަހަ ކިޔުންތެރިޔާ އަލީ ރަމީޒުގެ އައު ޢީދު މަދަހައެއް މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.

"ޢީދު މުބާރަކު" ގެ ނަމުން ނަންދީފައިވާ މި މަދަހައަކީ އަލީ ރަމީޒު ފާއިތުވި 13 އަހަރުގެ ތެރޭގައި ނެރުނު ފުރަތަމަ ޢީދު މަދަހައަށް ވުމާއެކު، މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ ހިތްގައިމު އުފެއްދުމެކެވެ.

ކުޅަދާނަ ޅެންވެރިޔާ އާދަމް ޙަލީމް އަދުނާންގެ ފުން މާނަތަކެއް އެކުލެވޭ ރީތި ޅެމަކަށް ތައްޔާރުކޮށްފައިވާ މި މަދަހައިގެ މައިގަނޑު ވޯކަލިސްޓަކީ އަލީ ރަމީޒު ނަމަވެސް، އޭނާއާއެކު އިތުރު ކުޑަކުދިންތަކެއްގެ އަޑުވެސް މި މަދަހައިން އިވިގެންދެއެވެ. "މަންފާ" އިން މި މަދަހަ ރިލީޒްކޮށްފައިވަނީ ކަންފަތަށް އަޑުއަހާލަން ފަސޭހަ ރާގަކާ އެކު، ބަލާލަން ވަރަށް ހިތްގައިމު ވީޑިއޯއަކާވެސް އެކުގައެވެ.

މީގެ ތޭރަ އަހަރު ކުރިން އަލީ ރަމީޒު ވަނީ "ތަހާނީ" ގެ ނަމުގައި ޢީދު މަދަހަ އަލްބަމެއް ނެރެފައެވެ. އެ އަލްބަމަކީ ރާއްޖޭގައި މިހާތަނަށް ޢީދަކާ ގުޅުވައިގެން ނެރުނު އެންމެ ކާމިޔާބު އަދި ދިވެހިންގެ މެދުގައި މިއަދާ ހަމައަށްވެސް އެންމެ މަގުބޫލު އެއް މަދަހަ އަލްބަމެވެ.

އަލީ ރަމީޒަކީ ދިވެހިންގެ ހިތްތަކުން ޚާއްޞަ މަގާމެއް ހޯދާފައިވާ "ކުޑަކުޑަ ދަރިފުޅު ރޯލުމުން"، "ބައްޕަދޭ ހެޔޮހާ ނަސޭހަތް" އަދި "ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ" ފަދަ އެތައް މަދަހައެއް ކިޔާފައިވާ ފަންނާނެކެވެ. އޭނާ ކިޔާފައިވާ ބައެއް މަދަހަތަކަށް ޔޫޓިއުބްގައި އެކަނިވެސް ތިން މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

https://www.youtube.com/watch?v=KEpeakdUR4k&t=4s

އައު މަދަހައާއެކު ފޭނުންނަށް ލިބުނު އުފާވެރިކަން އިތުރުވެގެންދަނީ، ކުރިއަށް އޮތް އަހަރުގެ ބޮޑު ޢީދާ ދިމާކޮށްވެސް އިތުރު ޢީދު މަދަހަތަކެއް ނެރުމަށް ގަސްތުކުރާކަމަށް އަލީ ރަމީޒު ހާމަކޮށްފައިވާތީއެވެ.