ޑައިމަންޑް ޖުބިލީ: ރާއްޖޭގެ ގައުމީ ޓީމުގެ އެވަރެޖް އުމުރު 25 އަށްވުރެ ދައްވާނެ
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އެވަރެޖް އުމުރު، 25 އަހަރަށްވުރެ ކުޑަވާނެކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ ބުނެފިއެވެ.
މިއީ މުސްތަޤުބަލަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މިފަހަރުގެ ސްކޮޑުގައި 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ އުއްމީދީ ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފައެވެ.
Ads by BMLއޭގެ ތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު އަދި ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ހިމެނެއެވެ. މީގެ އިތުރުން ބުރު ސްޕޯޓްސް ކްލަބުގެ މުހައްމަދު ނައިސަމް ނަދީމް އަށް ވެސް ވަނީ ޖާގަ ދީފައެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ ފަރިތަކުރުންތަކުގެ ތެރެއިން ވާހަކަދައްކަމުން އުރުބާނީ ބުނީ، އެންމެފަހުން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު ސްކޮޑުގެ އެވަރެޖް އުމުރަކީ 32 ކަމަށެވެ. ނަމަވެސް މިފަހަރުގެ ސްކޮޑުން ފެންނާނީ ބޮޑު ބަދަލެއް ކަމަށް އޭނާ ބުންޏެވެ.
"މިފަހަރު މިނެގި ސްކޮޑުގެ އެވަރެޖް އުމުރު 25 އަށްވުރެ ކުޑަވާނެ. މިއީ ވަރަށް ބޮޑު ޖަމްޕަކަށް މިވަނީ. މާނައަކީ ހަމައެކަނި މި މުބާރާތަށް އެކަންޏެއް ނޫނޭ މި ތައްޔާރުވަނީ. މުސްތަޤުބަލަށް ވެސް ވިސްނައިގެން މި މަސައްކަތް ކުރަނީ،" އުރުބާނީ ބުންޏެވެ.
ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިން ނަމަވެސް، ޓީމުގެ ތަޖުރިބާ ހިފެހެއްޓުމަށްޓަކައި ސީނިއަރ ކުޅުންތެރިން ވެސް ސްކޮޑުގައި ހިމެނެއެވެ. އޭގެ ތެރޭގައި އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، އަމްދާން އަލީ (އޭންޑީ) އަދި އަޙްމަދު އަބްދުﷲ (ލިލީ) ފާހަގަކޮށްލެވެއެވެ.
އުރުބާނީ ބުނި ގޮތުގައި 32 ކުޅުންތެރިންގެ މި ވަގުތީ ސްކޮޑަކީ ވަރަށް ތަފާތު ސްކޮޑެކެވެ. ސްކޮޑުގެ އެއްބަޔަކީ 30 އަހަރުން މަތީގެ ކުޅުންތެރިން ކަމަށްވާއިރު، ހަތް ކުޅުންތެރިންނަކީ 20 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
ކޯޗު ފާހަގަކުރި ގޮތުގައި ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް އެންމެ މުހިންމީ ވާދަވެރި މެޗުތަކެއް ހޯދައިދިނުމެވެ. ނަމަވެސް މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމުގެ ފުރުސަތު ލިބިފައި ނުވާކަން އޭނާ ހިތާމައާއެކު ފާހަގަކުރިއެވެ. އުރުބާނީގެ އަމާޒަކީ މިވަގުތަށް ބޭނުންވާ ފަދަ ވަރުގަދަ ޓީމެއް އެކުލަވާލައި، މުސްތަޤުބަލަށްޓަކައި ވަރުގަދަ ބިންގަލެއް އެޅުމެވެ.
Ads by MACL
