ޢީދުގެ އުފާ ފާޅުކުރާއިރު، ބޮޑާކަމާއި ޙަސަދަވެރިކަން ދޫކޮށް ހިތްތައް ސާފުކުރުން މުހިންމު: ޚުތުބާ
ޞައްޙަ ޙަދީޘްފުޅުތަކުގައިވާ ގޮތުން "އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނެ" އެވެ. އެހެންކަމުން، ޢީދުގެ އުފާވެރިކަމުގެ ތެރެއިން ހިތްތައް ސާފުކޮށް، ތަކުބީރުގެ އަޑު އާލާކުރުމަށް އިސްލާމީ މުޖުތަމަޢަށް ނަސޭހަތްތެރިވެފައިވެއެވެ.
ޚާއްޞަކޮށް ޢަރަފާތު ދުވަހުގެ ފަތިހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ނިޔަލަށް ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް މިއަދުގެ ޚުތުބާގައި ބުންޏެވެ.
އުޟްޙިޔާގެ މަތިވެރި ޤުރުބާނީ އާއި އިސްލާމީ މިންގަނޑުތައް
އަޟުޙާ ޢީދުގެ އެންމެ މުހިންމު އެއް އަޅުކަމަކީ އުޟްޙިޔާ ކަތިލުމެވެ. މިއީ އިބްރާހީމް ޢަލައިހިއްސަލާމާއި އިސްމާޢީލް ޢަލައިހިއްސަލާމް ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާންތައް އާކޮށްދޭ ކަމެކެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ވެސް ވަނީ އަމަލީގޮތުން އުޟްޙިޔާ ކަތިލައްވައި، މި މަތިވެރި ސުންނަތް އުންމަތަށް ދައްކަވައިދެއްވާފައެވެ.
ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ޝަރުޢީ މިންގަނޑުތަކުގެ ތެރޭގައެވެ. މީހުންނަށް ފުރައްސާރަކުރުމާއި، ދެޖިންސު މަސްހުނިވުމާއި، އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެކެވެ. ޢީދުގެ އުފާ ފާޅުކުރާއިރު މާތް ﷲއަށް ބިރުވެތިވެ، އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ.
ނިކަމެތި މުސްލިމުންގެ ހަނދާން އާކުރުން
އަހަރެމެން އަމާންވެއްޓެއްގައި ޢީދު ފާހަގަކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންގެ ހަނދާން އާކުރުމަކީ މުހިންމު ކަމެކެވެ. ޤަތުލުޢާންމުތަކާއި ހައިހޫނުކަމުގައި ތިބި މީހުންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ މުސްލިމުންގެ މަސްއޫލިއްޔަތެކެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަމަށްވާއިރު، މި މާތް ދުވަހު އެ ފަރާތްތަކަށް ނަޞްރާއި ކާމިޔާބު ދެއްވުން އެދި ދުޢާކުރުން އިތުރުކުރަންޖެހެއެވެ.
މިއަދުގެ މި ބޮޑު ޢީދު ޖަމާޢަތުން ޤިޔާމަތް ދުވަހުގެ މަޙުޝަރުގެ މައިދާން ހަނދާނަށް ގެނެސް، ތައުބާވެ، އެކަކު އަނެކަކަށް މަޢާފުކޮށް، އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް އަޒުމް ކަނޑައެޅުމަކީ ޢީދުގެ ހަގީގީ އުފާވެރިކަން ލިބިގަތުމަށް އޮތް މަގެވެ.
Ads by MACL
