ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި

ޑްރޯނެއް ބޭނުންކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން
ޑްރޯނެއް ބޭނުންކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޮޑު ރޭވުމެއް، ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ނާކާމިޔާބުކޮށްލައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާފުށީ ޕްރިޒަންއާއި، އެ ރަށު ޕޮލިސް ސްޓޭޝަނުގެ އިތުރުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:45 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނަކީ ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު ހަރަކާތެކެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު އަތުލައިގެންފައެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 395.92 ގުރާމް ހުރި ކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކުރެއެވެ.

ޑްރޯން ބޭނުންކޮށްގެން ޖަލަށް މި ތަކެތި އެތެރެކުރަން އުޅުނު ގޮތުގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ މަނާ ތަކެތި އެތެރެކުރުމުގެ މައްސަލައަކީ ބޮޑުވެފައިވާ ކަންބޮޑުވުމަކަށް ވާއިރު، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ވަނީ ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއްވެސް ބޭނުންކުރަން ފަށާފައެވެ.